އާސެނަލްއާއެކު ހަދާފައިވާ އެއްބަސްވުން އެ ޓީމްގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމެޔާން އާ ކުރާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް ކޯޗް މިކެލް އާޓެޓާ ބުނެފިއެވެ.

އާސެނަލުން ރޭ ވަނީ ވެމްބްލީގައި ކުޅެ މެންޗެސްޓަ ސިޓީ 2-0 އިން ބަލިކޮށް އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުން ޖާގަ ހޯދައިފައެވެ. ސިޓީ ބަލިކުރުމުގެ ކުރިން އާސެނަލް ވަނީ އެންމެ ފަހުން ކުޅުނު ލީގް މެޗުގައި ޗެމްޕިއަން ލިވަޕޫލްގެ މައްޗަށް ވެސް ކުރިހޯދައިފައެވެ.

ކޮރޯނާ ވައިރަހުގެ ބްރޭކަށްފަހު ސީޒަން އަލުން ފަށައި ކުޅުނު ފުރަތަމަ ތިން މެޗުން އާސެނަލް އަށް އެދެވޭ ނަތީޖާތަކެއް ނުނެރެވުނު ނަމަވެސް ފަހަކަށް އައިސް އެ ޓީމުން އަންނަނީ ގަވާއިދުން މެޗްތައް ކާމިޔާބު ކުރަމުންނެވެ.

ނަތީޖާތައް ރަނގަޅުވި ނަމަވެސް ސީޒަނުގެ ކުރީކޮޅު ކުރިމަތިވި ފޫނުބެއްދޭ ވަރުގެ ގެއްލުންތަކުގެ ސަބަބުން އަންނަ ސީޒަނުގައި ވެސް ޗެމްޕިއަންސް ލީގް ފުޓްބޯޅަ ކުޅުމުގެ ފުރުސަތު އާސެނަލް އަށް ވަނީ ގެއްލިފައެވެ. ޔޫރަޕްގައި ނުކުޅެވޭތީ ކްލަބުގެ ކެޕްޓަން އަދި އެންމެ މުހިއްމު ކުޅުންތެރިޔާ އޮބާމެޔާން ކްލަބު ދޫކޮށްދާން އުޅޭކަމުގެ އަޑުތައް ވެސް ފަހަކަށް އައިސް އަންނަނީ ގަދައަށް ފެތުރެމުންނެވެ. އޮބާމެޔާން އަށް ސްޕެއިނުގެ ބާސެލޯނާ އާއި އިޓަލީގެ އިންޓަ މިލާނުން ފާރަލަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

"ސިޓީ އަތުން ލިބުނީ ބޮޑު މޮޅެއް. އަހަރެންގެ އުއްމީދަކީ މި މޮޅަކީ އަހަރުމެން މިދަނީ ރަނގަޅު މިސްރާބަކަށްކަން ގަބޫލު ކުރަން އޮބާމެޔާން އަށް އެހީތެރިދޭނެ ކަމެއް ކަމަށް. މިއީ ވަރަށް ރަނގަޅު ހަފްތާއެއް އާސެނަލް އަށް. ޔޫރަޕްގެ އެންމެ ވަރުގަދަ ދެ ޓީމްގެ މައްޗަށް އަހަރެމެން ކާމިޔާބު މި ހޯދީ. ކޮންމެ ކޮންމެ ދުވަހަކު ވާނެ ކަންތަކެއް ނޫން މިއީ،" އާޓެޓާ ބުންޏެވެ.

ގެބޮން އަށް އުފަން އުމުރުން 30 އަހަރުގެ އޮބާމެޔާން މިވަގުތު އާސެނަލްގެ ކޮންޓްރެކްޓްގައި ހުރީ 2021 ވަނަ އަހަރާ ހަމައަށެވެ. އާސެނަލުން އޮބާމެޔާން އަށް އާ ކޮންޓްރެކްޓެއް ދޭން މިހާތަނަށް ކުރި މަސައްކަތް ކާމިޔާބެއްނުވިއެވެ. މީގެ ދެ އަހަރު ކުރިން ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް 63 މިލިއަން ޔޫރޯ އަށް އާސެނަލަށް ސޮއިކުރި އޮބާމެޔާން ވަނީ މިހާތަނަށް އެ ޓީމަށް 66 ގޯލް ޖަހައިދީފައެވެ.