މ. ނާލާފުށީގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ގާއިމްކުރި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

މި ދަނޑުގެ މަސައްކަތް ނިމިފައިވާކަން ހާމަކުރައްވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވީ މި ފުޓްސަލް ދަނޑަކީ ދެ ޖިންސްގެ ޒުވާނުން އެކި ކުޅިވަރުތަކަށް ބޭނުންކުރާނެ ދަނޑެއް ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މި ދަނޑުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ނާލާފުށި ޒުވާނުންނާއި، ކައުންސިލް އަދި އެރަށް ނިސްބަތްވާ މުލަކު ދާއިރާގެ މެމްބަރު އިބްރާހީމް ނަސީރު ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

ނާލާފުށި ދަނޑަކީ ކުރީ ސަރުކާރުން މޯލްޑިވްސް ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާ ނިންމަން ހަވާލުކޮށް މަސައްކަތް ނުފެށި އޮތް ދަނޑެކެވެ. މި ސަރުކާރު ވެރިކަމާއި ހަވާލުކުރުމަށްފަހު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި މިފަދަ ދަނޑުތައް ނިންމުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ނާލާފުށި ދަނޑުގެ މަސައްކަތް ނިންމަން ހަވާލުކުރީ ޓްރިޕަލް އެއިޓް ކުންފުންޏާއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ރަށްރަށުގައި ދަނޑުތައް އެޅުމުގެ ވައުދުގެ ދަށުން ވެސް ކުޅިވަރާ ބެހޭ ވުޒާރާއިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްސަލް ދަނޑުތަކާއި ޓާފް ފުޓްބޯޅަ ދަނޑުތައް އަޅަމުންނެވެ. މިފަދަ ގިނަ މަޝްރޫއުތައް ވަނީ މިހާރު ނިމުމަކާ ހަމަޔަށް އައިސްފައެވެ.

ދާދި ފަހުން ވަނީ ގއ. ކަނޑުހުޅުދޫ ފުޓްސަލް ދަނޑާއި ހަމަ އެ އަތޮޅު ކޮނޑޭގެ ފުޓްސަލް ދަނޑުގެ މަސައްކަތުގެ އިތުރުން ހދ. ކުމުންދޫ ފުޓްސަލް ދަނޑުގެ މަސަތްކަތް ވެސް ވަނީ ނިންމާލައި ބޭނުން ކުރަން ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާކޮޅުފުށި

    ކޮބާ ކޮޅުފުށީ ފުޓުސެލް ދަނޑު. ކިހާ ހިސާބަކުތޯ...

  2. މާޅުވެލި

    މުލީ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިޔަށްދަނީ ފިނިހަކަ ދުވެލީގައި، މިވެރިކަން ނިމުމުގެ ކުރިން ނިމޭނެބާ؟!