ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑްގެ މައްޗަށް ކާމިޔާބު ހޯދަން ބޭނުންނަމަ މެންޗެސްޓަ ސިޓީގެ ފޯމް ރަނގަޅު ކުރަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި އާސެނަލް އަތުން ބަލިވި މެޗައްފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ފަހަކަށް އައިސް ސިޓީގެ ނަތީޖާތައް މާބޮޑަށް ދަށްވަމުން އަންނަ ކަމަށާއި ކުޅުން ރަނގަޅުކޮށްގެން ނޫނީ ރެއާލް ކައިރިން ސަލާމަތް ނުވާނެ ކަމަށެވެ.

“ އަހަރެން ނުޖެހޭ ކުޅުންތެރިން ކައިރީ ބުނާކަށްވެސް. އެމީހުންނަށް އެކަން ވަރަށް ރަނގަޅަށް އިނގޭނެ. ސީޒަނުގެ ފަހުކޮޅު އަހަރެމެންގެ ކުޅުމުގެ ފެންވަރުު ހުންނަން ޖެހޭ ހިސާބު ވަރަށް ރަނގަޅަށް އިނގޭ. ފަހަރެއްގައި އަހަރެމެން މިދަނީ އެއްޗެހިތައް ދަސްކުރަމުން ބަލިވާ މެޗުތަކުން. އެކަމަކު ރެއާލް އަތުން ކުރިހޯދަން ބޭނުންނަމަ ވަރަށް ބޮޑަށް ކަންތައްތައް އިސްލާހު ކުރަން ޖެހޭ، “ ގާޑިއޯލާ ބުންޏެވެ.

ރެއާލް އާއި ސިޓީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ވާދަކުރި މެޗް 2-1 އިން ކާމިޔާބުކުރީ ސިޓީ އެވެ. ދެވަނަ ލެގު އެތިހާދު ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހުއެވެ.

ރެއާލް އާއި ސިޓީގެ މެޗާއި ޗެލްސީ އާއި ބަޔާން މިއުނިކުގެ މެޗާއި ލިޔޯން އާއި ޔުވެންޓަސްގެ މެޗު އަދި ނަޕޯލީ އާއި ބާސެލޯނާގެ ގަދަ ސޯޅައިގެ މެޗުތައް ނިމި، ކުއާޓާ ފައިނަލަށް ހޮވޭ ޓީމުތަކާއެކު، އެހިސާބުން ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރު ކުރިއަށްގެންދާނީ އެއް ލެގުގެ އުސޫލުން މިނީ މުބާރާތެއްގެ ގޮތުގަ އެވެ.

ސިޓީ އަކީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފޭވަރިޓެކެވެ. ޔޫރަޕްގެ މުބާރާތްތަކުން ކުރިއަށް އޮތް ދެ ސީޒަނަށް ސިޓީ ސަސްޕެންޑް ކުރި މައްސަލަ އެޓީމުން ވަނީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) ގައި އިސްތިއުނާފުކޮށްފައެވެ.