މެންޗެސްޓަ ޔުނައިޓެޑް ބަލިކޮށް ޗެލްސީ އިން އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކޮށްފި އެވެ.

ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ޔުނައިޓެޑްގެ މައްޗަށް ޗެލްސީން ކުރި ހޯދީ 3-1 އިންނެވެ. މިއީ އެފްއޭ ކަޕްގެ ފައިނަލުން ޗެލްސީ ފުރުސަތު ހޯދި 14 ވަނަ ފަހަރެވެ. މުބާރާތުގެ ފައިނަލުގައި ޗެލްސީ ނުކުންނާނީ ފުރަތަމަ ސެމީގައި މެންޗެސްޓަ ސިޓީ 2-0 އިން ބަލިކުރި އާސެނަލާ ދެކޮޅަށެވެ.

މުޅިއެކު 13 ތައްޓާއެކު އާސެނަލް އަކީ އެފްއޭ ކަޕް ތާރީހުގައިވެސް އެންމެ ކާމިޔާބު ޓީމެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އޮގަސްޓް އެއް ވަނަ ދުވަހު އެވެ.

ރޭގެ މެޗަށް ޗެލްސީ އާއި ޔުނައިޓެޑުންވެސް ޓީމް ނެރުނީ ބަދަލުތަކާއެކުއެވެ. ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އާއި މޭސަން ގްރީންވުޑް އަދި އެންތަނީ މާޝިއާލް ބެންޗުގައި އިންއިރު ޗެލްސީގެ ފުރަތަމަ އެގާރައިން ރޭ ކްރިސްޓިއަން ޕުލިސިކަށް ވެސް ފުރުސަތެއް ނުލިބުނެވެ. ޕުލިސިކަކީ ފަހަކަށް އައިސް ޗެލްސީ ކުޅުނު މެޗްތަކުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔެކެވެ.

ރޭގެ މެޗްގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ ވެސް ޗެލްސީ އިންނެވެ. ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އަށް ހެދުނު ގޯހަކުން ޗެލްސީ އަށް މި ގޯލް ޖަހައިދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފްރާންސްގެ ފޯވަޑް އޮލިވިއޭ ޖިރޫޑް އެވެ. އަރިމަތިން ޑިފެންޑަރު ސެޒާ އަޒްޕިލިކުއެޓާ ނަގައިދިން ހުރަސް ޖިރޫޑް ފޮނުވާލުމުން އެ ބޯޅަ ގޯލަށް ވަނީ ޑެހެއާގެ ގައިގައި ޖެހިފަ އެވެ. ޗެލްސީން ލީޑު ފުޅާކުރީ ވެސް ޑެހެއާ އަށް ހެދުނު ގޯހަކުންނެވެ. ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި އޭރިޔާ ބޭރުން އިނގިރޭސި ޒުވާން މިޑްފީލްޑަރު މޭސަން މައުންޓް ތިރިތިރިން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޑެހެއާގެ އަތުގައި ޖެހިފަ އެވެ.

ޗެލްސީގެ ތިން ވަނަ ގޯލަކީ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަރިމަތިން މާކަސް އަލޮންސޯ ނަގައިދިން ހުރަސް މެގުއާ ފައިގައި ޖެހިފައި ބައިކޮޅަށް ވަނީ ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އަށް ހުރަސް އަޅަން އުޅުނު ވަގުތު އެވެ.

މެޗުގެ ފަހުކޮޅު ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުން ފަރަގު ކުޑަކޮށްދިނީ ބްރޫނޯ ފެނާންޑޭސް އެވެ. މިރޭގެ މެޗަކީ ޔުނައިޓެޑަށް ބަދަލުވުމަށް ފަހު މޮޅު ކުޅުމެއް ދައްކަމުން އަންނަ ފެނާންޑޭސް އެޓީމުގެ ޖާޒީގައި ބަލިވި ފުރަތަމަ މެޗެވެ. ޔުނައިޓެޑުން ރޭގެ މެޗާ ކުރިމަތިލީ ރަނގަޅު ފޯމެއްގައި އޮވެއެވެ.

މިއީ މިދިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު އަމިއްލަ ދަނޑުގައި 2-0 އިން ބާންލީ އަތުން ލީގުގައި ޔުނައިޓެޑް ބަލިވިފަހުން އެޓީމުން މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. މި މުއްދަތުގެ ތެރޭ އެޓީމުން ވަނީ ހުރިހާ މުބާރާތެއްގައި ބަލިނުވެ 19 މެޗު ހަމަކޮށްފައެވެ.