ޕޯޗުގަލްގެ އެންމެ ކާމިޔާބު އެއް ޓީމް ކަމަށްވާ ބެންފީކާ އިން ލިބުނު ފުރުސަތަކީ ބޭނުން ހިފަން ޖެހޭ ފުރުސަތެއް ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ބުނެފި އެވެ.

ދަގަނޑޭ މިހެން ބުނެފައިވަނީ ފީފާގެ ރަސްމީ ވެބްސައިޓަށް ދިން ހާއްސަ އިންޓަވިއުއެއްގައެވެ.

ދަގަނޑޭ އަށް ބެންފީކާގެ ޔޫތު ޓީމުގެ ޓްރަޔަލް އިން ފުރުސަތު ހޯދައިދިނީ، އޭރު ގައުމީ ކޯޗު ޕޯޗުގަލްގެ މެނުއަލް ގޯމޭޒޭވެ. ޔޫރަޕްގައި ކުޅުމަށް ހުރިހާ ތައްޔާރީތަކެއްވެ ދަގަނޑޭ، އޭނާގެ ނިންމުން ބަދަލުކުރީ އެންމެ ފަހު ވަގުތުގައެވެ.

“ ޔޫރަޕާއި އޭޝިއާގެ ކްލަބްތަކުން އަހަންނަށް އޮފާތައް ލިބުނު. އެހެންނަމަވެސް ބެންފީކާ އިން އައި އޮފާއާ މެދު އަހަރެން ސީރިއަސްކޮށް ވިސްނީ. އެއީ އަހަރެން ބޭނުންކުރަން ޖެހޭ ފުރުސަތެއް ސަބަބަކީ އަހަރެން އެ ކްލަބާ ގުޅުނު ނަމަ ދުނިޔޭގެ މޮޅު ބައެއް ކުޅުންތެރިންނާ އެކު ކުޅެލެވުނީސް، “ ދަގަނޑޭ ބުނެފައިވެ އެވެ.

ބެންފީކާ އަށް ފަހު ވެސް ދަގަނޑޭ ވަނީ ޔޫރަޕުގެ ކްލަބަކުން އަދި އޭޝިއާގެ ބައެއް ކްލަބްތަކުގެ އޮފާތައް ދޫކޮށްލައިފަ އެވެ. އެކަމަކު ދަގަނޑޭ ވަނީ 2007/2008 ގައި ބުރުނާއީގެ ޑީޕީއެމްއެމް އެފްސީ އަށް އަދި 2014-2016 އަށް މެލޭޝިއާގެ ޕީޑީއާރްއެމް އަށް ކުޅެފައެވެ. މިއީ ދަގަނޑޭގެ ހަގީގީ ފެންވަރު ނޫންކަން ހުރިހާ ދިވެހިން ވެސް ގަބޫލުކުރެއެވެ. އޭރު ޔޫރަޕްގައި ކުޅުމަށް ލިބުނު ފުރުސަތުގައި ހިފިނަމަ ދަގަނޑޭ ޔޫރަޕުގެ މަތީ ފަންތީގައި ވިދާލާނެ ކަަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

ފީފާ ވެބްސައިޓުގައިވާ ލިޔުމުގައި ބުނެފައިވާ ގޮތުގައި ރާއްޖެ ދުނިޔޭގެ ސަމާލުކަން ހޯދަނީ ފަތުވެރިކަމުގެ ދާއިރާ އިންނެވެ. ރީތި، ސާފު ޖަޒީރާ ގައުމެއްގެ ގޮތުގައި ރާއްޖެ މަޝްހޫރުވެފައި އޮތަސް ބައިނަލްއަގްވާމީ ފުޓްބޯޅައިގެ މައިދާނުގައި ރާއްޖެ އަކީ ކުރިން މީހުންނަށް ނޭގޭ ގައުމެއް ކަމަށް އެ ލިޔުމުގައިވެއެވެ. އަދި 2013 ވަނަ އަހަރު އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓްރީ އެންޑް ސްޓެޓިސްޓިކްސް (އައި.އެފް.އެފް.އެޗް.އެސް) ގެ ގޯލް ލިސްޓުގެ ދެ ވަނައިގައި ރާއްޖޭގެ ކުޅުންތެރިއަކު ހިމެނިގެން ދިއުމަކީ، ލިބުނު ވަރަށް ބޮޑު ހައިރާންކަމެއް ކަމަށް ވެސް އެ ލިޔުމުގައި ބުނެފައިވެއެވެ.

ބައިނަލްއަގްވާމީ އަދި ސަރަހައްދީ ބޮޑެތި ކްލަބް މުބާރާތްތަކުގައި ޖަހާ ގޯލުތަކަށް ބަލައިގެން ހެދި އެ ލިސްޓުގައި ދަގަނޑޭ ހިމެނުނީ 23 ގޯލް ޖަހައިގެންނެވެ. ދުނިޔޭގެ ނަން މަޝްހޫރު ފުޓްބޯޅަ ތަރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޒަލަޓާން އިބްރަހިމޮވިޗް އަދި ލިއޮނަލް މެސީ ފަދަ ކުޅުންތެރިންނާ އެއް ބްރެކެޓެއްގައި ދަގަނޑޭގެ ނަން ހިމެނިގެންދިޔައިރު އެއީ ކެރިއަރުގައި ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ ގޮތުގައި ދަގަނޑޭ ފާހަގަކުރިއެވެ.

“ އެއީ އަހަރެންގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް އަހަރު. އެހާ ވަރުގަދަ ކުޅުންތެރިންނާ އެއް ނޭވާއެއްގައި އަހަރެންގެ ނަން ކިޔާލުން ވެގެންދިޔައީ އަހަންނަށް ގަބޫލުކުރަން ދަތިވި ކަމަކަށް. އެކަން ހާސިލްވީ އަހަރެންގެ ބުރަ މަސައްކަތަކުން އެކަންޏެއް ނޫން، ގައުމީ ޓީމާއި ނިއު ރޭޑިއަންޓުގެ ކުޅުންތެރިންގެ ވެސް ބުރަ މަސައްކަތުން. ވަރުގަދަ ސްކޮޑަކާއި މޮޅު މެނޭޖަރަކާއެކު ނުކުމެ އެފަހަރު އަހަރެމެން ޑޮމެސްޓިކް ހުރިހާ ތައްޓެއް ވެސް ކާމިޔާބުކުރީ. މެޗަކުން ބަލިނުވެ ލީގު ވެސް ނެގީ. އަނެއްކޮޅުން އޭއެފްސީ ކަޕްގެ ކުއާޓާ އަށް ވެސް އަހަރެމެން ދިޔައިން، “ ދަގަނޑޭ ބުނެފައިވެ އެވެ.

ދަގަނޑޭގެ ކެރިއަރުގެ އެންމެ ކާމިޔާބު ސީޒަނުގައި އޭނާ ވަނީ މުޅިއެކު 44 ގޯލް ޖަހައިފައެވެ.

ފީފާ ވޯލްޑް ކަޕްގެ ކޮލިފިކޭޝަން މެޗުތަކާ ދިމާއަށް ރާއްޖެ އަނެއްކާވެސް މިސްރާބު ޖަހާފައިވާއިރު ދަގަނޑޭގެ އުއްމީދަކީ ކޮންމެވެސް ދުވަހަކުން ރާއްޖެ އަށް ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބުމެވެ.

“ ކޮލިފައިން ވިޔަސް، ވޯލްޑް ކަޕާ ގުޅުން ހުރި މެޗުތަކެއްގައި ވާދަކުރުމަކީ އަބަދުގެ ހުވަފެން. ރާއްޖެ އަކީ ކުޑަ ގައުމެއް އެކަމަކު އެކަމަކު އަހަރެން ވަރަށް ބޮޑެތި ހުވަފެންތައް ދެކެން. ކޮންމެސް ދުވަހަކު ރާއްޖެ ވޯލްޑް ކަޕުގައި ކުޅުމަކީ ހުވަފެނެއް، “ ދަގަނޑޭ ބުނެފައިވެއެވެ.

ޕްރެސް ކޮންފަރެންސަކަށް ހާޒިރުނުވުމުން ދިން ސަސްޕެންޝަނަކާ ގުޅިގެން ގައުމީ ޓީމާ ދުރުގައި ހުރުމަށް ފަހު މިދިޔަ އަހަރު އެނބުރި އައިސް ދަގަނޑޭ ވަނީ ވޯލްޑް ކަޕް ކޮލިފައިންފައި ސީރިއާ އަތުން 2-1 އިން ބަލިވި މެޗާއި ގުއާމް އަތުން 3-1 އިން މޮޅުވި މެޗުގައި ގޯލް ޖަހައި އޭނާ އަކީ އަދިވެސް ގައުމީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާކަން ސާބިތުކޮށްދީފައެވެ. ދޮޅު އަހަރު ވަންދެން ގައުމީ ޓީމުން ބޭރުގައި ހުރި ނަމަވެސް ބޭރު ގައުމުތަކުން އަދިވެސް އެންމެ ޖެހިލުންވާ ދިވެހި ކުޅުންތެރިއަކީ ދަގަނޑޭއެވެ.

ވޯލްޑް ކަޕް ކޮލިފައިން ދެ ވަނަ ބުރުގައި ރާއްޖެ އޮތީ ގްރޫޕް އޭ ގެ ހަތަރު ވަނައިގައި ހަ ޕޮއިންޓާ އެކު އެވެ. ދަގަނޑޭ ބުނީ މިއީ އުނދަގޫ ގްރޫޕެއް ކަމަށާއި އެކަމަކު ގުއާމް ފިޔަވައި އެހެން ޓީމުތަކަށް އުއްމީދު އެބައޮތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މޯޑް

    އަހަންނަށް ލިބުނު ފުރުސަތު ތަކުގައި އިތުރަށް ލަނޑު ތަކެއް އިދިކޮޅު ގޯލަށް ނުޖަހާއި އުޅެވުނު ކަމީ އަހަންނަށް ހެދުނު ގޯހެއް.

    16
    18
  2. ނަސީދު

    ލައިފްގައި ވަރައް މަދުން އަންނަކަހަލަ ފުރުސަތެއް ތިލިބުނީ އެކަމަކު ވިއްސްނުން ކޮށިކްމުން އެފުރުސަތު ބީވެގެން އެދިޔައީ ފާގަތި މުސްތަގްބަލަކަން އެދެން

    40
    3
  3. #ކެނަރީވާންޗޯ

    ހުރިހާކަމެއްވެސް ހަމަ ހެޔޮކޮށް ވާނީ.

    17
    4
  4. ރަން

    ތީ ދިވެހީންގެ ފަޚްރުވެރި ދަރިއެއް

    12
    3
  5. ސާނީ

    މީދެން ކާކުތައް....................................؟

    2
    6
    • ހަޖަމް

      ކަހައިރުވަކެކޭވެސް ހިތަށް ނާރާނެ ތިކަހަލަ ބޯ ހަމަނުޖެހޭ މީހުން ހަސަދަވެރިވެގެން ތިހެން ޖަހާލާ ކޮމެންޓަކަށް..... އެއީ މި ރާއްޖޭގެ ކުދި ބޮޑު ރައްޔިތުން، ކުޑަކުދިން، ޒުވާނުން އަދި މުސްކުޅިންގެ ވެސް ލޯތްބާއި އިހްތިރާމް ލިބިފައިވާ މި ރާއްޖެ މިހާތަނަށް ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާޤް، ފުޓްބޯޅައިގެ ދަނޑުގައި މަޝްހޫރު ދަގަނޑޭ....އެއީ މި ދިވެހި ޤައުމަށް ރީތި ނަމާއި ޝަރަފު ހޯދައިދީފައިވާ ދިވެހިންގެ ފަޚުރެއް.....
      ދެން ހަމަ އަހާލަން ބޭނުން "ދެން އެހެންވީރު ތީ ކާކުތަ؟ އެބައޮތްތަ ދޭނެ ޖަވާބެއް.....

      11
      2
    • ޝާ

      އެނަމެއް ބުނުމުން ކޮންމެ ދިވެއްސަކަށްވެސް ކާކުކަން އިނގޭވަރުގެ މީހެއް.... މިޔަށް ކިޔާ އުޅެނީ އާއްމުކޮށް ލެޖެންޑުންނޭ...