އއ. މަތިވެރީގައި ކޮންމެ އަހަރެއްގެ ރޯދަ މަހާއި ދިމާކޮށް ބާއްވާ "އަލިބެ ފުޓްސަލް ކަޕް 2018" ކާމިޔާބުކޮށް ތަށި ދިފާއު ކުރުމަށް ޑިފެންޑިން ޗެމްޕިއަން "މާރންސް" އިން ތައްޔާރީތައް ފަށައިފިއެވެ.

މި މަހުގެ 17 ވަނަ ދުވަހު މަތިވެރީގައި އޮންނަ އަށް ޓީމު ބައިވެރިވާ މުބާރާތައް މިފަހަރުވެސް މާރންްސް އިން ނުކުންނަނީ ޒުވާން ސްކޮޑަކާާއެކުއެވެ. ފާއިތުވި އަހަރުގެ މުބާރާތުގައި ވެސް އެ ޓީމުން ވަނީ ޒުވާން ސްކޮޑަކާއެކު ނުކުމެ މޮޅު ކުޅުމެއް ދައްކައި މުބާރާތް ކާމިޔާބުކޮށްފައެވެ. މުޅި މުބާރާތުގެ އެންމެ އުމުރުން ހަގު ތިން ކުޅުންތެރިންވެސް ކުޅުނީ އެޓީމަށެވެ.

މާރންސް ޓީމުގެ ކޯޗް ހުސެއިން ނިހާން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އެ ޓީމަކީ ޒުވާން ކުޅުންތެރިންނަށް އިސްކަން ދީގެން ޒުވާން ކުޅުންތެރިން ކުރިއަރުވަން އަބަދުވެސް މަސައްކަތް ކުރާ ޓީމެއް ކަމަށެވެ.

"ޒުވާން ކުޅުންތެރިންނާއެކު މިފަހަރުވެސް މާރންްސް ނުކުންނާނީ ތަށި ދިފާއު ކުރަން." އޭނާ ވިދާޅުވިއެވެ.

މި އަހަރު މާާރންސް ގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަކީ މުހައްމަދު ޝާހް، އަލީ ޝައިހާން، އަރުޝަދު އަބްދުލް ލަތީފް، އިސްމާއިލް ނަސީމް، އަހްމަދު ޝާކިރު (ގޯލްކީޕަރު)، އާދަމް ހުނެއިން، މުހައްމަދު ޝަހީން، އަލީ ރިމާހް، އަބްދުﷲ ސަމީހު، އިބްރާހިމް އިމްރާން، މުހައްމަދު މުއާވިޔަތު އަދި މުއީޒު ދާއޫދުއެވެ.

މުބާރާތުގެ ތަށި ދިފާއު ކުރުމަށް އެ ޓީމުން ތައްޔާރީތައް ފަށާފައިވާއިރު ޓީމުގެ ޖާސީވެސް މިހާރު ވަނީ ތައްޔާރު ކޮށްފައެވެ. މިފަހަރުގެ ޖާޒީގެ ޑިޒައިން ތަފާތުވި ނަމަވެސް އެ ޓީމުގެ ކުލަތައް ކަމަށްވާ ފިޔާތޮށި އަދި ކަޅު މިފަހަރުގެ ޖާޒީގައިވެސް މައިގަނޑު ގޮތެއްގައި ހިމެނެއެވެ.

"މާރންސް" ޓިމުގެ މިފަހަރުގެ ޖާޒީ

އަލިބެ ފުޓްސެލް ކަޕްގައި މާރންސްގެ އިތުރުން ދެން ނުކުންނަ ޓީމުތަކަކީ، "އެފްޓީ ނޫރާނީ"، "ރޯޔަލް ނައިޓްސް"، "އެފްޓީ ވެލިއަންޓް"، "އީ.ޑީ.ސީ"، "ޔަންގް ޕްލޭޔާސް"، "ޓީމް އެފް އެންޑް ބީ" އަދި އާރް.ބީ.ޖީ" އެވެ.

މާރންސް ޓީމުގެ މެއިން ސްޕޮންސާ އަކީ "ވަގުތު" އެވެ. އަދި ކޯ ސްޕޮންސްސާ އަކީ "ވައިން ވިސީ" އެވެ. އެ ޓީމުގެ ޓްރެވަލިން ޕާޓްނާ އަކީ އަރި އަތޮޅުގެ އެންމެ އިތުބާރު ލިބިފައިވާ ލޯންޗް ސާވިސް ކަމަށްވާ "ނެވީ ޓްރާންސްފާ" އެވެ. އަދި ކޮސްޓިއުމް ޕާޓްނާ އަކީ ފުޅާ ދާއިރާއެއްގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް، އެބަޔަކު ބޭނުންވާ ފެންވަރެއްގެ ކޮލިޓީ ޖާޒީތައް ހަދައިދޭ ކުންފުންޏެއް ކަމަށްވާ "ކެޕްޓަން މޯލްޑިވްސް" އެވެ.

މި އަހަރުގެ ރޯދަ މަހުގެ ތެރޭގައި "އަލިބެ ފުޓްސަލް ކަޕް 2018" ފަށާއިރު މިއީ މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެެވެ.