ކޮވިޑް-19ގެ ސަބަބުން މެދުކަނޑާލާފައިވާ އޭއެފްސީ ކަޕްގެ މެޗުތައް އޮކްޓޫބަރުގައި އެއް ދަނޑެއްގައި އަލުން ފަށާއިރު، ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ ހުރިހާ މެޗެއް ރާއްޖޭގައި ކުޅޭގޮތަށް ހަމަޖެހިއްޖެއެވެ.

ގްރޫޕް އީގެ މެޗުތައް ބާއްވަން ރާއްޖޭން ކުރި ބިޑް ކާމިޔާބުވިކަން ހާމަކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. ބައްސާމް ވިދާޅުވީ ރާއްޖެ އަށް މި ލިބުނު ފުރުސަތާއެކު ކާމިޔާބު ގްރޫޕް ސްޓޭޖް ކެމްޕެއިނެއް ކުރިއަށްދާނެ ކަމަށް އުއްމީދު ކުރާ ކަމަށާއި ރާއްޖޭގެ ކްލަބުތައް މުބާރާތުގެ ދެވަނަ ބުރަށް ދާނެ ކަމަށް ވެސް އުއްމީދު ކުރާ ކަމަށެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަށް ކުޅެން ހަމަޖެހިފައިވާ ތާރީހަކީ 23 އޮކްޓޫބަރ އިން ފެށިގެން ނޮވެމްބަރު 4 އާއި ހަމައަށެވެ.

ގްރޫޕް ސްޓޭޖްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕުގައި ރާއްޖޭގެ ދެ ޓީމެއް މިހާރު ވާދަކުރެ އެވެ. ރާއްޖޭގެ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން މި ގްރޫޕުގައި ދެން ވާދަކުރަނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީއެވެ.

މާޒިޔާ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދީ ކޮލިފައިން ބުރު ކާމިޔާބު ކުރުމަށް ފަހު އެވެ. ޕްރިލިމިނަރީ ބުރުގައި މާޒިޔާ އިން ވަނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ މައްޗަށް ކުރިހޯދައިފަ އެވެ. އަދި ޕްލޭއޮފް ބުރުގައި ވަނީ އިންޑިއާގެ ގަދަ ބާރު ބެންގަލޫރު ކަޓުވާލައިފަ އެވެ.

ގްރޫޕް ސްޓޭޖުގައި ބާކީ ފަސް މެޗު ކޮންމެ ޓީމެއް ނުކުޅެ އޮތްއިރު، ކޮންމެ ދެ މެޗެއްގެ ދެމެދު ދެ ދުވަހުގެ ބްރޭކެއް ލިބޭނެ އެވެ. މިހާތަނަށް ކުޅެވުނު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު މާޒިޔާ އާއި ޗެންނާއީ ވަނީ 2-2 އިން އެއްވަރުވެފަ އެވެ. ޓީސީ ވަނީ ބަޝުންދުރާ ކިންގްސް އަތުން 5-1 އިން ބަލިވެފަ އެވެ.

މިހާރު އޮތްގޮތުން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު ފަހު ދެ މެޗު އެއް ވަގުތެއްގައި ކުޅޭ ގޮތަށް އޮތްއިރު، ގަލޮޅު ދަނޑުގެ އިތުރުން ދެ ވަނަ ދަނޑެއްގައި ކުޅެން ޖެހޭ މެޗު އޮންނާނީ އައްޑޫ ސިޓީގަ އެވެ.