މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ކަމަށް މުޙައްމަދު ނިޒާމް (ނިޒާމްބެ) ހަމަޖައްސައިފިއެވެ.

މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކޯޗުކަން ކޮށްދިން މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން އޭނާ ވަނީ މިހާރު ދޫކޮށްލައިފައެވެ. މި ދަނޑިވަޅުގައި ސެކުލޮސްކީގެ އެއްބަސްވުން އާ ނުކުރަން މާޒިޔާއިން ނިންމީ ކޮވިޑް-19 ގެ ސަބަބުން ކްލަބަކަށް ދިމާވެފައިވާ މާލީ ދަތިތަކާ ގުޅިގެންނެވެ.

ސެކުލޮސްކީ ދޫކޮށްލުމަށްފަހު މާޒިޔާ އިން ބުނީ އެ ޓީމާ ދެން ހަވާލުވާނީ ދިވެހި ކޯޗެއް ކަމަށެވެ. އެގޮތުން މިވަގުތު ރާއްޖޭގެ އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ ނިޒާމްބެ ވަނީ މާޒިޔާގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ނިޒާމްބެ މާޒިޔާއާ ހަވާލުވިއިރު، އޭނާއަކީ މާޒިޔާ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން އެ ޓީމަށް ކޯޗުކަން ކޮށްދޭ ދިވެހި ތިންވަނަ ކޯޗެވެ. ނިޒާމްބެގެ ކުރިން މާޒިޔާއަށް އިރުޝާދުދިން ދިވެހި ކޯޗުންނަކީ އިސްމާއިލް މަހަފޫޒް (އިންމަ) އާއި އަލީ ސުޒޭނެވެ.

ނިޒާމްބެ އެންމެ ފަހުން ކޯޗުކޮށްދިނީ ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގެ ކްލަބެއް ކަމަށްވާ ސައިފް ސްޕޯޓިން އަށެވެ. ސައިފްއާ އެކު ނިޒާމްބެ ނުކުތް ހަމައެކަނި މުބާރާތް ކަމަށްވާ ފެޑެރޭޝަން ކަޕްގެ ކުއާޓާ ފައިނަލުން ސައިފް ކެޓުމާ އެކު މެނޭޖްމަންޓާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު ނިޒާމްބެ ވަނީ އެ ކްލަބުގެ ކޮންޓްރެކްޓް އުވާލައިފައެވެ.

ދެ ވަނަ ޑިވިޝަނުން 2014 ވަނަ އަހަރު ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބު ޕްރޮމޯޓްކޮށްދީ ނިޒާމްބެ ވަނީ އެ ކްލަބަށް 2018 ވަނަ އަހަރުގެ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފަ އެވެ. އޭގެ ކުރިން ނިޒާމްބެ ވަނީ ޓީސީ އަށް 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕް ޗެމްޕިއަންކަން ވެސް ހޯދަައިދީފައެވެ. ނިޒާމްބެ ޓީސީ ދޫކޮށްލުމަށްފަހު ދެން ހަވާލުވީ 16 އަހަރުން ދަށުގެ ގައުމީ ޓީމާއެވެ. ނިޒާމްބެ ގައުމީ ޒުވާން ޓީމު ދޫކޮށްލީ ސައިފުން ފުރުސަތު ލިބުމުންނެވެ.

މާޒިޔާއާ ހަވާލުވެ ނިޒާމްބެ އަށް އޮތް ފުރަތަމަ ޗެލެންޖަކީ އޮކްޓޫބަރު މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ކަޕްގެ މެޗުތަކެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަށް ކުޅެން ހަމަޖެހިފައިވާ ތާރީހަކީ 23 އޮކްޓޫބަރ އިން ފެށިގެން ނޮވެމްބަރު 4 އާއި ހަމައަށެވެ.

މާޒިޔާ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދީ ކޮލިފައިން ބުރު ކާމިޔާބު ކުރުމަށް ފަހުއެވެ. ޕްރިލިމިނަރީ ބުރުގައި މާޒިޔާ އިން ވަނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ މައްޗަށް ކުރިހޯދައިފައެވެ. އަދި ޕްލޭއޮފް ބުރުގައި ވަނީ އިންޑިއާގެ ގަދަ ބާރު ބެންގަލޫރު ކަޓުވާލައިފައެވެ.

ގްރޫޕް ސްޓޭޖްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕުގައި ނިޒާމްބެގެ ކުރީގެ ޓީމު ޓީސީގެ އިތުރުން ދެން އޮތީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ.

ގްރޫޕް ސްޓޭޖުގައި ބާކީ ފަސް މެޗު ކޮންމެ ޓީމެއް ނުކުޅެ އޮތްއިރު، ކޮންމެ ދެ މެޗެއްގެ ދެމެދު ދެ ދުވަހުގެ ބްރޭކެއް ލިބޭނެއެވެ. މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި އެޓީމް ވަނީ އިންޑިއާގައި އެގައުމުގެ ޗެންނާއީ އާ ވާދަކޮށް 2-2 އިން މެޗް އެއްވަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މިގޮލާ މީ އެއްތާކުވެސް ހަރުލާ ގޮލައެއް ނޫން ދޯ. ތިމާ އަށް ތިމާ ފެނިފަ

  2. ނަޖްވާ

    މި މާޒިޔާ އަކީ ފިސާރި ޔާމީނުވެގެން ފުޓުބޯޅަ ކުޅެން އުޅޭ ބަޔެއް!