ރޭ އިންގްލިޝް ޕްރިމިއާ ލީގުގައި ވެސްޓް ހަމް އާއި ބައްދަލު ކުރި މެޗު އެއްވަރުވެ ޔުނައިޓަޑް ތާވަލްގެ ތިން ވަނައަށް ޖެހިލައިފި އެވެ.

މި މެޗުން ޔުނައިޓަޑް އެއްވަރު ވުމާއި އެކު އަންނަ ސީޒަންގައި ޗެންޕިއަންސް ލީގުން ޖާގަ ކަށަވަރު ކުރުމަށް ވަނީ ފުރުސަތު ބޮޑުކޮށްފައެވެ. ލީގުގެ ފަހު މެޗު ޔުނައިޓަޑުން ލެސްޓާ އާއި ދެކޮޅަށް ކުޅޭ އިރު މެޗް އެއްވަރު ކޮށްލައިގެންވެސް ޔުނައިޓަޑަށް ޖާގަ ކަށަވަރު ވާނެއެވެ. ނަމަވެސް ލެސްޓާ މި މެޗުން 3 ޕޮއިންޓް ހޯދައިގެން އެ ޓީމަށްވެސް ފުރުސަތު ހޯދުމުގެ އަމިއްލަ ބާރު އެބަ އޮތެވެ.

ރޭ މެންޗެސްޓާ ޔުނައިޓަޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާ އަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-0 ގެ ނަތީޖާ އަކުން ވެސްޓް ހަމް ކުރީގައި އޮވެގެންނެވެ. މި ލަނޑަކީ މެޗުގެ 45 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އެއް ގައި ވެސްޓް ހަމްގެ މިކައިލް އެންޓޮނިއޯ ކާމިޔާބު ކުރި ލަނޑެކެވެ.

ވާދަވެރި ކުޅުމެއް މި މެޗުން ފެނިގެން ދިޔަ އިރު ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބިފައެވެ. މެޗުގެ 51 ވަނަ މިނެޓްގައި މާޓިއަލްގެ އެހީތެރި ކަމާއި އެކު މޭސޮން ގްޜީންވޫޑް ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑާއި އެކު 18 އަހަރުގެ ގްރީން ވުޑް ވަނީ އޭނާގެ 17 ވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ.

މި މެޗުން އެއްވަރު ވުމާއި އެކު ވެސްޓް ހަމް އިން ވަނީ ރެލިގޭޓް ވުމުން ސަލާމަތްވެ އަންނަ ސީޒަންގައި ޕްރިމިއާ ލީގުގެ ޖާގަ ކަށަވަރު ކޮށްފައެވެ. ޔުނައިޓަޑް މިހާރު ތާވަލްގެ ތިންވަނާގައި އޮތީ 63 ޕޮއިންޓާއި އެކު ހަތަރު ވަނާގައި އޮތް ޗެލްސީ އާއި ޕޮއިންޓްގެ ގޮތުން އެއްވަރުވެ ފައިދާ ގޯލްގެ ފަރަގުންނެވެ.