ސްޕެއިން އަދި ބާސެލޯނާގެ ލެޖެންޑް ޒަވީ ހެނާންޑޭޒް ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

ކޮވިޑް-19 ޖެހިފައިވާކަން ޒަވީ ވަނީ އޭނާގެ އިންސްޓާގްރާމް މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ. ޒަވީ ބުނީ އޭނާ ކޮވިޑް-19 އަށް ފައްސިވި ނަމަވެސް، ހާލު ރަނގަޅު ކަމަށާއި ވައިރަހުގެ އެއްވެސް އަލާމާތެއް އަދި މިހާތަނަށް ހަށިގަނޑުން ފެނިފައިނުވާ ކަމަށެވެ.

ޒަވީ އަށް ކޮވިޑް-19 ޖެހުމުން އޭނާ ވަނީ އައިސޮލޭޝަނަށް ބަދަލުކޮށްފައެވެ. އޭނާ ކޯޗުކޮށްދެމެން އަންނަ ގަތަރުގެ އަލް ސާދު ޓީމާ ވަގުތީ ގޮތުން ހަވާލުވެގެން ހުރީ ޓެކްނިކަލް ސްޓާފްގެ ހެޑް ޑޭވިޑް ޕްރަޓްސް އެވެ.

ޒަވީ އަލް ސާދަށް ބަދަލުވީ 2015 ވަނަ އަހަރެވެ. ޒަވީގެ އިރުޝާދުގެ ދަށުން އަލް ސާދުން ގަތަރު ކަޕާއި ގަތަރު ސުޕަ ކަޕް ކާމިޔާބުކުރި އިރު އޭނާ ވަނީ ވަރަށް ފަހުން އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައެވެ. އަލް ސާދުގެ އެއްބަސްވުން ޒަވީ އާކޮށްފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށެވެ. އާ އެއްބަސްވުމުގައިވާ ގޮތުން ޒަވީ އަށް ލިބިފައިވާ ހާއްސަ އިހުތިޔާރެއްގެ ދަށުން ވަކި މުއްދަތެއްގެ ނޯޓިސް އެއް ދިނުމަށްފަހު އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު ޒަވީ އަށް އޮންނާނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން އެއްބަސްވުމުގައި ޒަވީ މި މާއްދާ ހިމެނީ އަންނަ އަހަރު ބާސެލޯނާގެ އިންތިހާބަށް ފަހު އެ ޓީމަށް ބަދަލުވާން ބޭނުންވާތީ އެވެ.

ހާއްސަ އިހުތިޔާރެއް ލިބޭ ގޮތަށް އަލް ސާދުގެ އެއްބަސްވުން ޒަވީ އާކުރިއިރު، ބާސާގެ ކޯޗަކަށް ޒަވީ ހަމަޖެއްސުމަށް އެ ކްލަބުން މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބާސާގެ ކޯޗަކަށް ކިކޭ ސެޓިއެން ހަަމަޖެއްސުމުގެ ކުރިން އެ ޓީމުން ފުރަތަމަ ގެންނަން މަޝްވަރާކުރީ ވެސް ޒަވީއާއެވެ. ނަމަވެސް ބާސާގެ ހުށަހެޅުމަށް ދެކޮޅު ހަދަމުން ޒަވީ ބުނީ މިއީ އޭނާގެ ކޯޗިން ކެރިއަރުގެ ފުރަތަމަ މަރުހަލާ ކަމުން އަދި ބާސެލޯނާ އަށް ދާން މާ އަވަސް ކަމަށެވެ. ބާސެލޯނާގެ މިހާރުގެ ރައީސް ޖޯސެފް ބާޓޮމެއުގެ ދައުރުގައި އެ ކްލަބުގައި މަސައްކަތްކުރަން ޒަވީ ބޭނުންނުވާ ކަމަށް އޭނާގެ ގާތް ފަރާތަކާ ހަވާލާދީ ސްޕެއިނުގެ ނޫހަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.