ބާސާގެ ލެޖެންޑް ޒަވީ ކޮވިޑް-19 އަށް ފައްސި ވެއްޖެ އެވެ. ސްޕެއިން އާއި ބާސާގައި މޮޅު ކުޅުމެއް ދައްކާފައިވާ ޒަވީ ހޮނިހިރު ދުވަހު ހާމަ ކުރި ގޮތުގައި އޭނާ ކޮވިޑް-19 އަށް އޭނާ ވަނީ ފައްސިވެފައެވެ. މިހާރު އޭނާ ހުރީ ސެލްޕް އައިސޮލޭޝަންގައެވެ.

މިހާރު ގަތަރުގެ އަލް ސާދް އަށް ކޯޗު ކޮށްދެމުން އަންނަ ޒަވީ ޖުލައި 5 ގައި އެ ޓީމާއެކު އެއްބަސް ވުން އާކޮށްފައި ވާއިރު މިއަންނަ ހުކުރު ދުވަހު އަލުން ފަށާ ގަތަރު ލީގުގެ ފުރަތަމަ މެޗުގައި ބައިވެރި ނުވާނެއެވެ.

ޒަވީ ބުނި ގޮތުގައި އޭނާގެ ހާލު ރަނގަޅު ކަމަށާއި އަލް ސާދް ކުޅޭ މެޗުތަކުގެ ކޯޗު ކަމާއި އޭނާގެ ބަދަލުގައި ހުންނާނީ އެ ޓީމުގެ ޓެކްނިކަލް ސްޓާފް ގެ ހެޑް ޑޭވިޑް ޕްރާޓްސް އެވެ.

މިދިޔަ މާޗް މަހު ކޮވިޑް 19 ގެ ސަބަބުން މެދު ކަނޑާލާ ފައިވާ ގަތަރު ލީގު އަންނަ ހުކުރު ދުވަހު ފަށާއިރު އަލް ސާޑް އަށް އަދި ބާކީ 5 މެޗު އެބަ އޮތެވެ. އެ ޓީމު މިހާރު ތާވަލްގެ ތިން ވަނާގައި އޮތް އިރު ފުރަތަމަ ކުޅޭ މެޗުގައި ނިކުންނާނީ އަލް ކޯރް އާއި ދެކޮޅަށެވެ.

ސްޕެއިން އާއި އެކު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ޒަވީ ވަނީ ބާސާ އާއި އެކު ޗެންޕިއަންސް ލީގު 4 ފަހަރު ކާމިޔާބުކޮށް ލަލީގާ 8 ފަހަރު އުފުލާލާފަ އެވެ.

ޒަވީ ކުރި ޓްވީޓެއްގައި އޭނާ ބުނި ގޮތުގައި ގަތަރުގެ ސިއްހަތާ ބެހޭ ޖަމިއްޔާއިން ހުއްދަ ދިނުމުން އަނބުރާ އޭނާ ޓީމާއި ގުޅި އަލުން އޭނާގެ ޝެޑިއުލް ތަކާއި އެއްގޮތަށް ކުރިޔަށް ދާނެއެވެ.