އަނިޔާގެ ސަބަބުން މިއަހަރުގެ ވޯލްޑް ކަޕްގައި ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ޑެނިއަލް އަލްވޭސް އަށް ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.

އުމުރުން 35 އަހަރުގެ އަލްވޭސްގެ ކަނާތު ފައިގެ ލިގަމެންޓަށް ގެއްލުންވެފައިވަނީ ފްރެންޗް ކަޕްގެ ފައިނަލްގައި ކުޅެނިކޮށެވެ. ފްރާންސްގެ ތިންވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ލެސް ހާބިއޭސްއާ ބައްދަލުކޮށް އެ މެޗު 0-2 އިން ކާމިޔާބުކުރީ ޕީއެސްޖީންނެވެ.

އެ މެޗުގައި އަނިޔާވި ނަމަވެސް ވޯލްޑް ކަޕް ފެށެންވާއިރަށް އަލްވޭސް ފިޓުވާނެ ކަމަށް ކުރިން ބެލެވިފައި އޮތް ނަމަވެސް ބްރެޒިލްގެ ފުޓްބޯޅަ އިދާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ އެ އަނިޔާއާ ގުޅިގެން އަލްވޭސް ސާޖަރީއެއް ހަދަންޖެހޭކަން ހާމަކޮށްފައެވެ. އަދި އެއާއެކު ވޯލްޑް ކަޕްގައި ކުޅުމުގެ އެއްވެސް ފުރުސަތެއް އަލްވޭސް އަށް ނެތްކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ބްރެޒިލްގެ ގައުމީ ޓީމުގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ އަލްވޭސް ވަނީ އެޓީމަށް 106 މެޗު ކުޅެދީ ދެ ވޯލްޑް ކަޕްގައި މީގެކުރިން ކުޅެފައެވެ. އަލްވޭސް ކުޅެފައިވަނީ 2010 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައެވެ.

އަލްވޭސް އަށް ވޯލްޑް ކަޕްގައި ނުކުޅެވޭއިރު މުބާރާތް ފެށެން ވާއިރަށް ފިޓުވުމަށް ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ނޭމާ އަންނަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

ވޯލްޑް ކަޕްގައި ބްރެޒިލް މިފަހަރު ލައްވާލާފައިވަނީ ގްރޫޕް އީގައެވެ. ބްރެޒިލްގެ އިތުރުން ދެން މި ގްރޫޕްގައި ހިމެނެނީ ސްވިޒަލޭންޑާއި ކޮސްޓަރީކާގެ އިތުރުން ސާބިއާއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 17 ވަނަ ދުވަހު ބްރެޒިލް ނިކުންނާނީ ސްވިޒަލޭންޑާ ދެކޮޅަށެވެ.