އަންނަ މަހު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕަށް ދާނެ އިންގްލޭންޑުގެ 23 ކުޅުންތެރިންގެ ސްކޮޑު އަންނަ ހަފްތާގައި އިއުލާން ކުރަން ނިންމައިފިއެވެ.

އިނގިރޭސި އެފްއޭ އިން ހާމަކުރި ގޮތުގައި 23 ކުޅުންތެރިންގެ ސްކޮޑު އިއުލާންކުރާނީ އަންނަ ހަފްތާގެ ބުދަ ދުވަހުއެވެ.

ސްކޮޑު އިއުލާންކުރުމަށް އިންގްލޭންޑުން ތައްޔާރު ވެފައިވާއިރު އަނިޔާގެ ސަބަބުން ވޯލްޑް ކަޕްގައި އެޓީމުގެ މުހިއްމު ދެ ކުޅުންތެރިއަކަށް ނުކުޅެވޭނެކަން މިހާރު ވެސް ވަނީ ޔަގީންވެފައެވެ. އެ ދެ ކުޅުންތެރިންނަކީ ލިވަޕޫލް އަށް ކުޅެމުން އަންނަ ޗެމްބަލޭން އާއި ގޮމޭޒްއެވެ.

އިންގްލޭންޑް ވޯލްޑް ކަޕަށް ކޮލިފައިވީ މެޗަކުން ބަލިނުވެ ކަމަށްވާއިރު މުބާރާތުގެ ކުރިން އެކުވެރިކަމުގެ ދެ މެޗު އެޓީމުން ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަންނަ މަހުގެ ދެވަނަ ދުވަހު އިންގްލޭންޑް ނިކުންނާނީ ނައިޖީރިޔާއާ ދެކޮޅަށެވެ. އަދި އަންނަ މަހުގެ ހަތްވަނަ ދުވަހު އިންގްލޭންޑް ނިކުންނާނީ ކޮސްޓަރީކާއާ ދެކޮޅަށެވެ.

ވޯލްޑް ކަޕުގައި ބައިވެރިވުމަށް އިންގްލޭންޑުގެ ޓީމުން ރަޝިއާ އަށް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ.

ވޯލްޑް ކަޕްގައި އިންގްލޭންޑް މިފަހަރު ލައްވާލާފައިވަނީ ގްރޫޕް ޖީ ގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ބެލްޖިއަމް އާއި ޓިއުނީޝިއާގެ އިތުރުން ޕެނަމާއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 18 ވަނަ ދުވަހު އިންގްލޭންޑް ނިކުންނާނީ ޓިއުނީޝިޔާއާ ދެކޮޅަށެވެ.

ވޯލްޑް ކަޕްގެ ސްކޮޑު އަންނަ ހަފްތާގައި އިންގްލޭންޑުން އިއުލާންކުރާއިރު މުބާރާތުގައި ވާދަކުރާ ހުރިހާ ގައުމެއްގެ ސްކޮޑުތައް އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ފީފާ އަށް ހުށަހަޅަން ޖެހޭނެއެވެ.