މާލޭ ހުޅަނގު ފަރާތު އެކުވެނި ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މާލޭގައި ގިނަބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް ތަރައްގީކޮށްފައިވަނީ 1996 ވަނަ އަހަރު އެވެ. ޓްރެކުގެ ބޭނުން ދުވުމުގެ އިތުރަށް ކްރިކެޓް ކުޅުމަށާއި ކަސްރަތު ކުލާސްތައް ބާއްވަން ބޭނުންކުރެ އެވެ. އެހެންނަމަވެސް، މަރާމާތު ނުކޮށް ގިނަ ދުވަސްވުމުން ޓްރެކު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ފަސްގަނޑުގައި ވަޅުގަނޑު ހެދުމުގެ އިތުރަށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވުމާއި ގުޅިގެން ދުވާ މީހުންނަށް ބޮޑެތި ގޮންޖެހުންތަކަކާ މީގެ ކުރިން ވަނީ ކުރިމަތިލާން ޖެހިފައެވެ.

މީގެ 24 އަހަރު ކުރިން ބިނާކުރި ޓްރެކު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހެވެ. މިހާރު އެ ތަނުގެ ބިން އެއްވަރު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ޒަމާނީ ފެންވަރަށް ޓްރެކް ސަރަހައްދު ތަރައްގީ ކުރަނީ ސީއެސްއާރު މަޝްރޫއުގެ ދަށުން އާރުކޭއެލް ކުންފުނިންނެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދުވާ ޓްރެކުގައި މިހާރު މަސައްކަތް ކުރަމުންދަނީ ސަބް ބޭސް އެޅުމުގެ މަސައްކަތް ކަމަށެވެ. އަދި ސަރުކާރު ބަންދަށް ފަހު އެތަނުގައި ޒަމާނީ ފެންވަރުގެ ސިންތެޓިކް ޓްރެކެއް އެޅުމަށް ރަސްމީކޮށް ކުރަން ޖެހޭ ކަން ކަން ކުރިއަށް ދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކައްޓަލަ

    ހުސް ބަލާވެރިކަން

    2
    1
  2. ފަޒީނާ

    ތި އަޅާފަ ތިތަންވެސް ކޮންމެވެސް ގޭންގަކަށްދިނީމާ އެނިމުނީ! ދުވަންދާ ކޮންމެމީހަކުއަތުން ދުވާލަކު 100ރ ނަގައިގެން ގޭންގުތަކަަށް ލާރިލިބޭނެގޮތެއް!!

  3. ފާތުމަ އެޅި މިސްކިތް1

    ގޭންގޭ......