ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި މެންޗެސްޓަ ސިޓީ ކުޅޭ މެޗުގައި ފޯވާޑް ސާޖިއޯ އަގުއޭރޯ އަށް ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.

ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު އިނގިރޭސި ޕްރިމިއާ ލީގު އަލުން ފެށިތަނާ އަގުއޭރޯގެ ކަކުލަށް އަނިޔާވީ ބާންލީ އަތުން 5-0 އިން ސިޓީ މޮޅުވި މެޗުގަ އެވެ. އަގުއޭރޯ އަށް ލިބުނު އަނިޔާ އަށް ފަރުވާ ހޯދަން އޭނާ ވަނީ އޮޕަރޭޝަނެއް ވެސް ކޮށްފައެވެ.

މީގެ ކުރިން ގާޑިއޯލާ ވަނީ ރެއާލާ ދެކޮޅަށް ސިޓީ ކުޅޭ މެޗުގައި އަގުއޭރޯއަށް ކުޅެވިދާނެ ކަމުގެ އިޝާރާތެއް ދީފައެވެ. އެކަމަކު ލީގުގައި އެންމެ ފަހުން ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅުނު މެޗައްފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ރެއާލް މެޗުގައި އަގުއެރޯ ފެނުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އަދި ކުޅުންތެރިއަކު އަނިޔާއިން އެއްކޮށް ރަނގަޅު ނުވަނީސް ކުޅުމުގައި ބައިވެރިކުރުން އެއީ އޭނާ ކުރާނެ ކަމެއް ނޫން ކަމަށްވެސް ގާޑިއޯލާ ބުންޏެވެ.

ސިޓީ ވަނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި ރެއާލް މެޑްރިޑް އަތުން 2-1 އިން މޮޅުވެފަ އެވެ. އަންނަ މަހު ހަތް ވަނަ ދުވަހު ސިޓީ ދަނޑުގައި ރެއާލާ ދެކޮޅަށް ކުޅޭ ދެ ވަަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެން ވެސް އެ ޓީމަށް ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކުރެވޭނެ އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފެށިގެން ދެން ހުރިހާ މެޗެއް ކުޅޭނީ ޕޯޗުގަލްގެ ލިޒްބަންގަ އެވެ. ކުއާޓާ ފައިނަލުން ފެށިގެން އޮންނާނީ އެއް ލެގެވެ.