ބެލޮންޑިއޯ އެވޯޑް މިއަހަރު ނުދޭ ގޮތަށް ނިންމި ނިންމުމަކީ ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ފޯވަޑް ރޮބަޓް ލެވަންޑޯސްކީއާ މެދު ވެވުނު ބޭއިންސާފު އަމަލެއް ކަމަށް އެ ކްލަބުގެ ޗެއާމަން ކާލް-ހެއިންޒް ރުމެނިގާ ވިދާޅުވެއްޖެއެވެ.

ފްރާންސް ފުޓްބޯލް މެގަޒިންގެ ފަރާތުން، ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑް މި އަހަރު ނުދޭ ގޮތަށް ނިންމީ ކޮވިޑް-19ގެ ސަބަބުންނެވެ.

މިކަމާ ގުޅިގެން ބަޔާންގެ ޗެއާމަން ކާލް-ހެއިންޒް ރުމެނިގާ ވިދާޅުވީ މިއަހަރުގެ ބެލޮންޑިއޯ ކާމިޔާބު ކުރުމުގެ ވަރަށް ބޮޑު ފުރުސަތެއް ލެވަންޑޯސްކީ އަށް އޮތް ކަމަށާއި އެވޯޑް ކެންސަލް ކުރުމަކީ ޕޮލަންޑް ކުޅުންތެރިއާ އާއި މެދު ވެވުނު ބޭއިންސާފެއް ކަމަށެވެ.

"އަހަރެން ގަބޫލު ކުރާ ގޮތުގައި ލެވަންޑޯސްކީ އަށް މި ސީޒަނަކީ ވަރަށް ކާމިޔާބު ސީޒަނެއް. މިއީ އޭނާގެ ކެރިއަރުގައި ވެސް ހޭދަކުރި އެންމެ ކާމިޔާބު ސީޒަން ހެން އަހަންނަށް ހީވަނީ. އެކަމަކު ނަސީބު ދެރަ ކަމުން ފްރާންސް ފުޓްބޯޅަ އިން އެވޯޑް ކެންސަލް ކޮށްލީ. ބަޔާންގެ އިތުރުން ލެވަންޑޯސްކީ އަށް ވެސް ލިބުނު ބޮޑު ބޭއިންސާފެއް މިއީ،" ރުމެނިގާ ވިދާޅުވިއެވެ.

މި ސީޒަނުގައި ލެވަންޑޯސްކީ ތަފާތު މޮޅު ކުޅުމެއް ދެއްކި އިރު، އޭނާ ވަނީ ޖުމްލަ 51 ގޯލް ކާމިޔާބުކޮށްފައެވެ. ބަޔާނާއެކު މި ސީޒަނުގެ ޖަރުމަން ލީގުގެ އިތުރުން ޖަރުމަން ކަޕްވެސް ލެވަންޑޯސްކީ ކާމިޔާބުކޮށްފައިވާ އިރު ބަޔާން ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. އެހެން ކަމުން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ބަޔާނާއެކު މިސީޒަނުގައި ޓްރެބަލް ހާސިލްކުރުމުގެ ފުރުސަތު ވެސް ލެވަންޑޯސްކީ އަށް އެބައޮތެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ ބެލޮންޑިއޯ އެވޯޑަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް 2010-2015 އަށް ދިނީ ފީފާ އެވޯޑާ އެއްކޮށްލައިގެން ފީފާ ބެލޮންޑިއޯގެ ގޮތުގަ އެވެ. އެންމެ ފަހުން ބެލޮންޑިއޯ އެވޯޑް ހާސިލްކުރީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީއެވެ. މިދިޔަ އަހަރު އޭނާ އަށް މި އެވޯޑް ލިބުމާ އެކު ޖުމްލަ ހަ ފަހަރު މި މަގާމު ހޯދައި އޭނާ ވަނީ ރެކޯޑެއް ގާއިމުކޮށްފައެވެ.