ނަޕޯލީ ބަލިކޮށް އިންޓަ މިލާނުން އިޓާލިއަން ލީގުގެ ދެވަނައިގައި ހަމަޖެހިލައިފިއެވެ.

ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅެ އިންޓަ އިން ނަޕޯލީގެ މައްޗަށް ކުރިހޯދީ 2-0 އިންނެވެ. މެޗްގައި އިންޓަ އިން ޖެހި ފުރަތަމަ ގޯލް ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ޖެހީ ޑަނީލޯ ޑެއެމްބްރޯސިއޯ އެވެ. އަދި ދެވަނަ ގޯލް މެޗްގެ 83 ވަނަ މިނެޓުގައި ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލައުޓަރޯ މާޓިނެޒް އެވެ.

ރޭގެ މޮޅާއެކު އިންޓަ ވަނީ ޖެހިޖެހިގެން ބަލިނުވެ ހަތް މެޗް ހަމަކޮށްފައެވެ. މި މޮޅާއެކު އިންޓަ ވަނީ 79 ޕޮއިންޓް ހަމަކޮށް ލީގުގެ ދެވަނަ މަގާމަށް ޖެހިލައިފައެވެ. އިންޓަ އަށް ވުރެ އެއް ޕޮއިންޓް މަދުން ހޯދައިގެން ތިންވަނައިގައި އޮތީ އެޓަލަންޓާ އެވެ. ދެވަނަ މަގާމް ކަށަވަރު ކުރުމަށް މި ދެޓީމަށްވެސް ދެން ކުރިއަށް އޮތީ ގަދަ ހިފުމެކެވެ. ސީޒަނުގެ ފަހު މެޗްގައި މި ދެޓީމް ވާދަކުރާ މެޗް އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެ މެޗް ކާމިޔާބުކޮށްގެން އެޓަލަންޓާ އަށް ދެވަނަ އަށް އެރުމުގެ ފުރުސަތު އޮތްއިރު މެޗް އެއްވަރުކޮށްލައިގެން ވެސް އެންޓޯނިއޯ ކޮންޓޭގެ އިންޓަ އަށް ދެވަނަ މަގާމް ޔަގީން ވާނެ އެވެ.

ރޭ އިންޓަ އަތުން ބަލިވި ނަޕޯލީ ވަނީ ތާވަލުގެ ހަތް ވަނަ އަށް ވެއްޓިފައެވެ. ނަޕޯލީ އަށް ލިބިފައިވަނީ 59 ޕޮއިންޓެވެ. ހަތްވަނައިގައި އޮތް ނަމަވެސް މި ސީޒަނުގެ ކޮޕާ އިޓާލިއާ ކާމިޔާބުކޮށްފައިވާތީ ނަޕޯލީ އަށް ވަނީ އަންނަ ސީޒަނުގެ ޔުއެފާ ޔުރޮޕާ ލީގުގެ ޖާގައެއް ކަށަވަރުވެފައެވެ. އިޓަލީ ލީގުގެ އެއްވަނައިގައި އޮތީ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ޔުވެންޓަސް އެވެ. 83 ޕޮއިންޓް ހޯދާފައިވާ ޔުވެންޓަސް އަށް ލީގުގައި އަދި ބާކީ ދެ މެޗް އެބައޮތެވެ.