އިންތިޚާބުގައި ބޮޑު ތަފާތަކުން ޔަޒްނީ ނަޝީދާ (ޔަޒޫ) ބަލިކޮށް، އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް ތިންވަނަ ދައުރަކަށް މުޙައްމަދު ތޮލާލް އިންތިޚާބުވެވަޑައިގެންފިއެވެ.

މިއަދު ހެނދުނު ހ. ބޯޅަގޭގައި ބޭއްވި އިންތިހާބު ތޮލާލް ކާމިޔާބުކުރެއްވީ، ކުރީގެ ދުވުންތެރިޔާ ޔަޒްނީ ނަޝީދާ (ޔަޒޫ) އާ ވާދަކުރައްވައި 15 ވޯޓް ހޯއްދަވައިގެންނެވެ. ޔަޒޫ އަށް ހޯއްދެވުނީ އެންމެ ވޯޓެކެވެ.

އެސޯސިއޭޝަނުގެ ރައީސްގެ މަގާމް 2012 ވަނަ އަހަރުން ފެށިގެން ފުރުއްވަމުން އަންނަ ތޮލާލްގެ ދައުރުގައި ރާއްޖޭން ވަނީ އެތުލެޓިކްސްގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި، މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖެ ރަން މެޑަލް ހޯދުމުގެ އިތުރަށް، އޭޝިއާ ފެންވަރުގެ މުބާރާތްތަކުންވެސް ހޯދި ކާމިޔާބީތައް ފާހަގަކޮށްލެވެއެވެ.

އިންތިޚާބުގައި އެސޯސިއޭޝަންގެ ނައިބު ރައީސްގެ މަގާމަށް ވާދަކުރެއްވީ މިހާރުވެސް އެ މަގާމު ފުރުއްވަމުން އަންނަ އަޙްމަދު އަޒީލެވެ. އަދި ހަޒާންދާރުގެ މަގާމަށް ކުރިމަތިލެއްވީ މުސްތަފާ މުޙައްމަދެވެ. މި މަގާމުތަކަށް އެންމެ މީހަކު ކުރިމަތިލާފައިވުމުން ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ. އަޙްމަދު އަޒީލާއި މުސްތަފާ މުޙައްމަދު، ކޮންމެ ބޭފުޅަކު ވެސް ވަނީ 15 ވޯޓް ހޯދައިފައެވެ.

އެކްސްކޯ އަށް ހޮވިވަޑައިގަތީ 15 ވޯޓާ އެކު މުހައްމަދު ޝުޖާއު އާއި 14 ވޯޓާ އެކު ކުރީގެ ދުވުންތެރިޔާ އަހުމަދު ޝަގީފް (ރިވަރިން) އަދި 13 ވޯޓާ އެކު ހުސެއިން އަމީން ނަސީރެވެ. ދެން ވާދަކުރެއްވި މުހައްމަދު ޝާހިދު (ޝާޑު) އަށް ދެ ވޯޓް ލިބުނުއިރު، ކުރީގެ ދުވުންތެރިޔާ އިބްރާހީމް އުމަރު (ވިއްސަ) އަށް ލިބުނީ އެންމެ ވޯޓެކެވެ.