އިންގްލަންޑުގެ ޗެލްސީ އިން ޖަރުމަނުގެ ބަޔާ ލެވަކޫސަން އަށް ކުޅެމުން އަންނަ 21 އަހަރުގެ ޒުވާން ފޯވަޑް ކައި ހަވާޓްޒްގެ ސޮއި ހޯދުމުގެ މަސަތްކަތް ފަށައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ޗެލްސީ އިން އަންނަނީ ހަވާޓްޒްގެ ޓްރާންސްފާ އާއި ބެހޭގޮތުން ބަޔާ ލެވަކޫސަންއާ މަޝްވަރާ ކުރަމުންނެވެ. ޗެލްސީ އޮތީ ހަވާޓްޒް ހޯދުމަށް ލެވަކޫސަން އަށް 76 މިލިއަން ޕައުންޑް ދޭން ތައްޔާރަށެވެ. އަނެއްކޮޅުން ޕްރިމިއަ ލީގުގެ ގަދަ ހަތަރެއް ކަށަވަރުވެ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމުގެ ފުރުސަތު ވެސް ޗެލްސީ އަށް އޮތުމާއެކު ހަވާޓްޒް ޗެލްސީ އަށް ބަދަލުވުމާއިމެދު މިހާރު މާ ބޮޑު ހުރަހެއް ނެތެވެ.

އުމުރުން 21 އަހަރުގެ ޖަރުމަން ފޯވަޑް ހަވާޓްޒް އަކީ މިވަގުތު ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ކުރިއަރަމުން އަންނަ އެއް ފޯވަޑެވެ. ބޯޅަ ކޮންޓްރޯލް ކުރުމާއި، ކޮއްޓުމާއި ނެއްޓުމުގައި ހުނަރުވެރި އަދި ގޯލާވެސް ރައްޓެހި ހަވާޓްޒް ހޯދުމަށް ޔޫރަޕްގެ ބޮޑެތި އެހެން ކްލަބުތަކުން ވެސް ވަނީ މަސަތްކަތްކޮށްފައެވެ. އޭގެ ތެރޭ ޖަރުމަނުގެ ބަޔާން މިއުނިކާއި ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑްވެސް ހިމެނެއެވެ.

ހަވާޓްޒް ވަނީ މިސީޒަނުގައި ލެވަކޫސަން އަށް 17 ގޯލް ޖަހައިދީ އިތުރު 8 ގޯލް ޖެހުމުގައި އެހީތެރިވެދީފައެވެ.

ޗެލްސީން ވަނީ އަންނަ ސީޒަނަށް ޓީމް ވަރުގަދަ ކުރުމުގެ ގޮތުން މިހާތަނަށް ދެ ކުޅުންތެރިއެއްގެ ސޮއި ހޯދައިފައެވެ. އެއީ ޖަރުމަނުގެ އާރުބީ ލީޕްޒިގަށް ކުޅެމުން އައި ފޯވަޑް ޓިމޯ ވާނާގެ އިތުރުން ހޮލަންޑުގެ އަޔަކްސް އަށް ކުޅެމުން އައި ފޯވަޑް ހަކީމް ޒިޔެޗް އެވެ. މި ދެ ކުޅުންތެރިންގެ ސޮއި ވެސް ޗެލްސީން ހޯދީ ރިލީޒް ފީ ދައްކައިގެންނެވެ.

ޒިޔެޗް އާއި ވާނާ އަށްފަހު ޗެލްސީގެ އަމާޒު މިހާރު ހުރީ ހަވާޓްޒްގެ އިތުރުން ލެސްޓާ ސިޓީ އަށް ކުޅެމުން އަންނަ އިނގިރޭސި ޑިފެންޑަރު ބެން ޗިލްވެލް އަށެވެ. އެހެންނަމަވެސް ޗިލްވެލްގެ ކޮންޓްރެކްޓުގައި ރިލީޒް ކްލޯސް އެއް ނުހިމެނޭތީ އޭނާ ގަތުމުގައި ޗެލްސީ އަށް އުނދަގޫތަކަކާ ކުރިމަތިވާނެއެވެ. ލެސްޓާ އިން މިހާތަނަށް ޗިލްވެލް އަށް އަގެއް ކަނޑައަޅާފައިވާ ނުވިނަމަވެސް 23 އަހަރުގެ ޑިފެންޑަރުގެ އަގު މާކެޓުގައި ބޮޑުވާނެ ކަމަށް ބެލެވެއެވެ.