ސްވިޑެން ފޯވަޑް ޒަލަޓަން އިބްރަހިމޮވިޗްގެ ރެކޯޑަކާއެކު އޭސީ މިލާނުން އިޓާލިއަން ލީގުގައި ސަމްޑޯރިއާގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ލީގު ތާވަލުގެ 15 ވަނައިގައި އޮތް ސަމްޑޯރިއާގެ މައްޗަށް މިލާނުން ކުރިހޯދީ 4-1 އިންނެވެ. މެޗުގައި މިލާނުން ޖެހި 4 ގޯލްގެ ތެރެއިން 2 ގޯލް ކާމިޔާބުކުރީ އިބްރަހިމޮވިޗެވެ. މި ދެ ގޯލާއެކު އިބްރަހިމޮވިޗް މިލާން ޖާޒީގައި ކާމިޔާބުކުރި ގޯލްގެ އަދަދު ވަނީ 51 އަށް އަރައިފައެވެ.

މިދިޔަ ޖެނުއަރީ މަހު ޓީމާ އަލުން ގުޅުނު ފަހުން މިހާތަނަށް 8 ގޯލް އިބްރަހިމޮވިޗް އެޓީމަށް ޖަހައިދީފައިވާއިރު އޭގެ ކުރިން 2010-2012 ވަނަ އަހަރާއި ދެމެދު މިލާނަށް ކުޅެދިން 62 މެޗްގައި އޭނާ ވަނީ 42 ގޯލް ކާމިޔާބުކޮށްފައެވެ. އިބްރަހިމޮވިޗް އަކީ މިލާންގެ ބްލޫ ސައިޑް ނުވަތަ އިންޓަ މިލާނަށް ވެސް ކުޅުނު ކުޅުންތެރިއެކެވެ. އިންޓަގެ ޖާޒީގައި 2006-2009 އަށް އިބްރަހިމޮވިޗް ފެނިގެންދިޔައިރު އެ ކްލަބަށް އޭނާ 57 ގޯލް ކާމިޔާބުކޮށްދިނެވެ. ރޭގެ 2 ގޯލާއެކު އިބްރަހިމޮވިޗް ވެފައިވަނީ މިލާންގެ ދެ ކްލަބް ( އިންޓަ އަދި އޭސީ މިލާން ) ކޮންމެ ކްލަބަކަށް މަދުވެގެން 50 ގޯލް ކާމިޔާބުކޮށްދިން ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ރޭ ސަމްޑޯރިއާ ކޮޅަށް މިލާނުން ދެން ޖެހި ގޯލްތައް ކާމިޔާބުކޮށްދިނީ ހަކަން ޗަޅަނޯލޫ އާއި ރަފައެލް ލިއާއޯ އެވެ. ސަމްޑޯރިއާ އިން މެޗްގައި ކާމިޔާބުކުރި ހަމައެކަނި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓޮފާ އަސްކިލްޑްސެން އެވެ.

ކޮވިޑް-19 ގެ ބްރޭކަށްފަހު ސީޒަން އަލުން ފެށިފަހުން މިލާނުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެގޮތުން ރޭގެ މޮޅާއެކު އެޓީމުން ވަނީ ބަލިނުވެ މުޅިއެކު 12 މެޗް ހަމަކޮށްފައެވެ. 63 ޕޮއިންޓާއެކު ލީގުގެ 6 ވަނަ މަގާމުގައި އޮތް މިލާނަށް ވަނީ އަންނަ ސީޒަނުގެ ޔުރޮޕާ ލީގުން ފުރުސަތު ލިބިފައެވެ.