ބާސެލޯނާގެ ލިޖަންޑް ޒަވީ ހެނާންޑޭޒް ކޮވިޑް-19 ބަލިން ރަނގަޅު ވެއްޖެއެވެ.

ގަތަރު ލީގު އަލުން ފެށުމަށް ކުރި ޓެސްޓް ތަކުގައި މިދިޔަ ބުރާސްފަތި ދުވަހު އޭނާ ކޮވިޑް-19 އަށް ފައްސިވިކަން އެނގުމާއެކު ވަގުތުން ވަނީ އަމިއްލައަށް އެކަހެރިވެފައެވެ.

މިހާރު ގަތަރުގެ އަލް ސާދު އަށް ކޯޗު ކަން ކޮށްދެމުންދާ ޒަވީ ބަލިން ރަނގަޅު ވުމާއެކު އޭނާ ވަނީ އަލުން އަނބުރާ ޓީމާއި ގުޅިފައެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޒަވީ މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ޝިކާރައަކަށް ވުމާއޮ ގުޅިގެން އެންމެ ފަހުން ގަތަރުގެ ހަތަރު ސްޓާސް ލީގުގައި އަލް ހޯރް އަތުން އަލް ސައްދު މޮޅުވި މެޗުގައި ކޯޗުކަން ކޮށްދީފައެއް ނުވެ އެވެ.

ނަމަވެސް މިހާރު އޭނާ އެބަލިން އެއްކޮށް ރަނގަޅުވެ އަލުން އަނބުރާ ޓީމާއި ގުޅެއްޖެކަން އިއްޔެ ވަނީ އިންސްޓަގްރާމްގައި އޭނާ ކުރި ޕޯސްޓެއްގައި އިއުލާން ކޮށްފައެވެ.

"ވޭތުވެދިޔަ ދުވަސްތަކުގައި އަހަރެންނަށް ތި އެންމެންގެ ފަރާތުން ލިބުނު އެއްބާރުލުމާއި، އޯގާތެރި މެސެޖުތަކަށް ޝުކުރު އަދާ ކުރަން. މިހާރު ބަލިން ރަނގަޅުވުމާ އެކު މިހުރީ އާއިލާއާއި، އަލް ސައްދު ޓީމާ އެކު." ޒަވީ ބުނެފައި ވެއެވެ.

2015 ވަނަ އަހަރު ބާސެލޯނާއިން ގަތަރުގެ އަލް ސާދު އަށް ކުޅުން ތެރިއެއްގެ ގޮތުގައި ޒަވީ ގުޅުނު އިރު 3 އަހަރު ފަހުން އޭނާ ވަނީ އެ ޓީމުހެ ހެޑް ކޯޗު ކަމާއި ހަވާލުވެފައެވެ.

އުމުރުން 40 އަހަރު ޒަވީ ވަނީ އަންނަ ޖުލައި މަހުގެ ނިޔަލަށް އެ ޓީމުގެ ކޯޗު ކަމުގެ އެއްބަސްވުން ދާދި ފަހުން އާކޮށްފައެވެ.