ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ފޯވަޑް ރޮބަޓް ލެވަންޑޯސްކީ ފަހަތައް ޖައްސާލައި ޔޫރަޕްގެ ގޯލް ލިސްޓުގެ އެންމެ ކުރިއަށް ލާޒިއޯގެ ފޯވަޑް ސީރޯ އިމޮބިލޭ ޖެހިލައިފިއެވެ.

އިޓާލިއަން ލީގުގައި ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ އެންމެ މެޗެކެވެ. ގިނަ ދުވަސްތަކެއް ވަންދެން ޔޫރަޕްގެ ގޯލް ލިސްޓު ލީޑު ކުރަމުން އައީ ބުންޑެސްލީގާގައި މިސީޒަނު އެންމެ ގިނަ ގޯލް ޖެހި ބަޔާންގެ ތަރި ރޮބަޓް ލެވަންޑޮސްކީ އެވެ. ޕޮލަންޑް ފޯވަޑް ވަނީ 34 ގޯލް ޖަހައިފައެވެ. އިމޮބިލޭ ލެވަންޑޯސްކީ ދެވަނަ އަށް ވައްޓާލީ ލީގުގައި އެންމެ ފަހުން ބްރެޝިޔާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ކާމިޔާބުކުރި ގޯލާއެކުއެވެ. އިމޮބިލޭ 35 ގޯލް ކާމިޔާބުކޮށްފައިވާއިރު ލީގުގައި އަދި ބާކީ އެއް މެޗް އޮތުމުން އެ އަދަދު އިތުރު ކުރުމުގެ ފުރުސަތު ވެސް އިޓަލީ ފޯވަޑަށް އޮންނާނެ އެވެ.

އިމޮބިލޭ އަށް ވަނީ، އިޓާލިއަން ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނައިން ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑު ހެދުމުގެ ފުރުސަތު ވެސް ލިބިފަ އެވެ. އާޖެންޓީނާގެ ފޯވަޑް ގޮންޒާލޯ ހިގުއައިން ނަޕޯލީގައި 2015-16 ސީޒަންގައި 36 ގޯލް ކާމިޔާބު ކޮށް ހެދި ރެކޯޑް އިމްމޯބިލޭ އަށް މުގުރާލެވި ދާނެ އެވެ. ހޮނިހިރު ދުވަހުގެ ރޭ ނަޕޯލީ އާ ދެކޮޅަށް ލާޒިއޯ ކުޅޭ މެޗުގައި އިމޮބިލޭ ދެ ގޯލް ޖަހައިފިނަމަ އެ ރެކޯޑް އޭނާ އަށް މުގުރާލެވުނީ އެވެ.

ޔޫރަޕްގެ ރަން ބޫޓް އެވޯޑް ހޯދުމުގެ ފުރުސަތު، ޔުވެންޓަސްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަނީ ގާތްގަނޑަކަށް ގެއްލިފައެވެ. ރޭ ކަލިއަރީއާ ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް ބަލިވީ 2-0 ންނެވެ. ރޮނާލްޑޯ އޮތީ އިމޮބިލޭ އަށް ވުރެ 4 ގޯލް ފަހަތުން 31 ގޯލާއެކު އެވެ. ޔުވެންޓަސް އަށް ދެން ކުރިއަށް އޮތީ، ރޯމާ އާ ދެކޮޅަށް ކުޅޭ މެޗެވެ. އެހެންވެ، މިހާރު އޮތް ހާލަތުން ރޮނާލްޑޯއަށް އިމޮބިލޭ އާ ހަމަހަމަ ކުރުންވެސް ވާނީ އުނދަގޫ ކަމަކަށެވެ.

ޔޫރަޕްގެ ރަން ބޫޓް މިދިޔަ ތިން ސީޒަނުގައިވެސް ކާމިޔާބުކޮށްފައިވަނީ ބާސެލޯނާގެ ތަރި ލިއޮނެލް މެސީ އެވެ. މުޅިއެކު 6 ރަން ބޫޓާއެކު މި އެވޯޑް އެންމެ ގިނައިން ކާމިޔާބު ކުރުމުގެ ޝަރަފްވެސް އޮތީ މެސީ އަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ގައިމު މެސީ ހަދާފައިވާ ހުރިހާރެކޯޑެއް ލެވަންޑަސްކީ މުގުރާލާނެކަމަށް ޔޫރަޕްގެ ނޫސް ތަކުން އަޑުފެތުރި. ކިހިނެއްމިވީ!! ޖަމަލު ފޮޑިއަށް ދޮހް!

    2
    2