މެންޗެސްޓަރ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ އާއި ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް އެ ކްލަބުގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

މޮރީނިއޯ މިހެން ބުނެފައިވާއިރު އިނގިރޭސި ބައެއް މީޑިޔާތަކުން ފާއިތުވި ދުވަސްތަކުގައި ވަނީ މޮރީނިއޯ ކުޅުވާ މަގާމާއި މެދު ޕޮގްބާގެ ހިތްހަމަނުޖެހުންތަކެއް ހުރި ކަމަށާއި މި ސީޒަނަށްފަހު އޭނާ އެ ކްލަބު ދޫކޮށްލަން އުޅޭކަމަށް ބުނެ ހަބަރު ފަތުރާފައެވެ.

މި ވާހަކަތަކާއި ގުޅިގެން މޮރީނިއޯ ބުނީ ފާއިތުވި މެޗުތަކުގައި ރަނގަޅަށް ނުކުޅެވުނުކަން ޕޮގްބާ އަމިއްލަ އަށް ވެސް ގަބޫލުކުރާ ކަމަށާއި އޭނާ އާއި ޕޮގްބާ އާއި ދެމެދު މައްސަލައެއް އޮތް ކަމަށް ބުނެ ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"ޕޮގްބާ އާއި އަހަރެން ވާހަކަ ނުދައްކާ ވާހަކަ އާއި އަހަރުމެން ދެ މީހުންގެ ގުޅުން ގޯސް ވާހަކަ އަކީ ކަނޑައެޅިގެން ދޮގެއް. ފާއިތުވި މެޗުތަކުގަ ޕޮގްބާ އަށް ރަނގަޅަށް ކުޅެވިފައެއް ނުވޭ. އެކަން އޭނާ ވެސް ގަބޫލުކުރޭ. އެކަން ރަނގަޅު ކުރުމަށް ޕޮގްބާ މަސައްކަތް ކުރާނެ" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ޕޮގްބާ ލައްވާ ކުޅުމާ މަގާމާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ވެސް މޮރީނިއޯ ވަނީ ރައްދު ދީފައެވެ.

"ޕޮގްބާ ކުޅޭ މަގާމާއި ގުޅޭގޮތުން ވާހަކަދެއްކުމަކީ ވެސް ހަމަޖެހޭ ކަމެއް ނޫން. ފުޓްބޯޅައިގެ ކަންތައްތައް ވަރަށް ރަނގަޅަށް ދަންނަ މީހުން އިނގިރޭސިވިލާތުގައި އެބަތިބި. އޭގެތެރެއިން ބައެއް މީހުންނަށް މިލިޔަނުން ފައިސާ ދީފައި މިތިބެނީ. އެމީހުންނަށް ފައިސާ ދީފައި މިތިބެނީ މެޗެއްގައި ހިނގާ ކަންކަން އާއްމުންނަށް ކިޔައިދޭން. ތާކުންތާކު ނުޖެހޭ ވާހަކަތައް ދައްކާކަށް ނޫން" މޮރީނިއޯ ބުންޏެވެ.

އެފްއޭކަޕްގެ ފަސްވަނަ ބުރުގައި މިރޭ ހަޑަލްސްފީލްޑް އާއި ދެކޮޅަށް ކުޅޭ މެޗުގައި ޕޮގްބާ ކުޅޭނެކަން މޮރީނިއޯ ވަނީ ކަށަވަރުކޮށްދީފައެވެ.

ހަޑަލްސްފީލްޑްގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 10:30 ގައެވެ.