އިންގްލަންޑުގެ އެންމެ ކާމިޔާބު އެއް ކްލަބު މެންޗެސްޓަ ޔުނައިޓެޑްގެ ކޯޗުކަން ކުރެވޭނެ ފެންވަރު އެ މަގާމުގައި މިހާރު ހުރި ނޯވޭގެ އޮލެ ގުނަ ސޯލްޝެއާ ގައިގަ އެބަހުރި ކަމަށް ކުރީގެ މަޝްހޫރު ފޯވަޑް ޑިމިޓާ ބާބެޓޯވް ބުނެފިއެވެ.

އުމުރުން 46 އަހަރުގެ ސޯލްޝެއާ ޔުނައިޓެޑާ ހަވާލުވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭރު އެ ކްލަބުގެ ކޯޗަކަށް ހުރި ހޯސޭ މޮރީނިއޯ ވަކިކުރުމަށްފަހުއެވެ. އެފަހަރު ސީޒަން ނިމެންދެން އޭނާ އާއި ޓީމް ހަވާލުކުރި ނަމަވެސް އޭނާ ކުރި މަސައްކަތް ރަނގަޅުވުމުން ޔުނައިޓެޑުން ނިންމީ ސޯލްޝެއާގެ އެއްބަސްވުން ދާއިމީކޮށް އިތުރު ތިން އަހަރަށް އޭނާ ބަހައްޓާށެވެ.

ސޯލްޝެއާގެ ފުރަތަމަ ފުލް ސީޒަންގެ ކުރީކޮޅު ޔުނައިޓެޑުގެ ނަތީޖާތައް ދަށްވެ އޭނާގެ މަގާމް ގެއްލިދާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް މިދިޔަ ޖެނުއަރީ މަހު ޔުނައިޓެޑާ ގުޅުނު ޕޯޗުގަލްގެ ތަރި ބްރޫނާ ފެނާންޑޭސްގެ މޮޅު ކުޅުމާއެކު އެ ކްލަބުން ވަނީ ސީޒަން އަނބުރާލައި ޕްރިމިއަ ލީގުގެ ތިންވަނައިގައި ނިންމާލައިފައެވެ. ސީޒަނުގެ ބޮޑު ބައެއްގައި ޔުނައިޓެޑް ގަދަ ހަތަރަކުން ބޭރުގައި އޮތްއިރު ޖެނުއަރީ މަސް ފެށުނުއިރު އެޓީމާ ލެސްޓާ ސިޓީއާ ދެމެދު 14 ޕޮއިންޓާއި 20 ލަނޑުގެ ފަރަގެއް އޮތެވެ. އެކަމަކު ލީގުގެ ފަހު މެޗްގައި ޔުނައިޓެޑް އަތުން ބަލިވެ ލެސްޓާ ނިންމާލަން ޖެހުނީ ޔުނައިޓެޑަށްވުރެ ފަހަތުން ފަސް ވަނައިގަ އެވެ.

ލީގުގެ ތިން ވަނައިގައި ނިންމާލާނެ ކަމަށް އެކަކުވެސް ހީނުކުރާ ކަމަށާއި، އެންމެންވެސް އުއްމީދު ކޮށްގެން ތިބީ ހައެއް ނޫނީ ހަތް ވަނަ އަށް ކަމަށް ބުނެ ސޯލްޝެއާ ވަނީ އޭނާ އަށް ކުރިމަތިވި ފާޑުކިއުންތަކަށް ރައްދު ވެސް ދީފަ އެވެ.

މި ސީޒަނުގައި ޔުނައިޓެޑުން ވަނީ އިނގިރޭސި ލީގު ކަޕާއި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ކުޅެފަ އެވެ. ގަދަ ހަތަރަކުން ޖާގަ ހޯދައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދުމުގެ އިތުރަށް މި ސީޒަނުގެ ޔުރޮޕާ ލީގު ކާމިޔާބު ކުރުމުގެ ފުރުސަތުވެސް ޔުނައިޓެޑަށް އެބައޮތެވެ.

ޔުނައިޓެޑާއެކު ސޯލްޝެއާ ނެރެފައިވާ ނަތީޖާތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން ޔުނައިޓެޑަށް ކުރިން ކުޅުނު ބަލްގޭރިއާގެ ޑިމިޓާ ބާބެޓޯވް ބުނީ ސޯލްޝެއާ އޭނާގެ ކޯޗިންގް ފެންވަރު ދައްކާލައިފި ކަމަށާއި ޔުނައިޓެޑާއެކު ހޭދަކުރި ފުރަތަމަ ފުލް ސީޒަނުގައި ނޯވޭގެ ކޯޗް ކުރި މަސަތްކަތާއި މެދު ހިތްހަމަޖެހޭ ކަމަށެވެ.

"އަބަދުވެސް ފާޑުކިޔާ މީހުން ތިބޭނެ. އެކަމަކު އޯވަރޯލް ކޮށް އެންމެނަށްވެސް އިނގޭނެ ރަނގަޅު މަސަތްކަތްތަކެއް ކުރުމަށް ކޮންމެ މެނޭޖަރަކަށްވެސް ވަގުތު ބޭނުންވާނެ ކަން. ހުރަސްތަކެއް ވެސް ހުންނާނެ. އެކަމަކު އަހަރެން އުއްމީދު މިކުރަނީ މުސްތަގްބަލުގައި ކަންތައްތައް ރަނގަޅުވާނެ. އޮލެ ދައްކައިދީފި އޭނަގެ ކޯޗިންގެ ފެންވަރު. އޭނާ ޔުނައިޓެޑް އަނެއްކާވެސް ކޮންސިސްޓެންޓް ޓީމަކަށް ހަދައިދީފި،" ބާބެޓޯވް ބުންޏެވެ.

ބާބެޓޯވް ބުނީ އަންނަ ސީޒަނުގައި ޔުނައިޓެޑް ޗެމްޕިއަންސް ލީގުގައި ކުޅެން ޖެހުމާއެކު އުނދަގޫތަކަކާ ކުރިމަތިވާނެ ކަމަށާއި އެކަމަކު ސޯލްޝެއާ އަށް ޔުނައިޓެޑާއެކު ކާމިޔާބު ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސާބަހޭ ????