އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލް މެޗަކީ އާސެނަލްގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަންގެ ކުރިމަގު ނިންމާނެ މެޗު ކަމަށާއި ތަށި ލިބިއްޖެނަމަ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އޮބާމަޔަން އާ ކުރާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް ކޯޗް މިކެލް އާޓެޓާ ބުނެފިއެވެ.

އާޓެޓާ ބުނީ އެފްއޭ ކަޕްގެ ފައިނަލަކީ މިވަގުތު އާސެނަލަށް ހުރިހާ ގޮތަކުންވެސް މުހިންމު މެޗެއް ކަމަށާއި އެޓީމުގެ ކެޕްޓަން އަދި އެންމެ މުހިއްމު ކުޅުންތެރިޔާ ގެބޮންގެ އޮބާމަޔަންގެ ކުރިމަގު ކަނޑައަޅާނީވެސް އެފްއޭ ކަޕް ފައިނަލް މެޗުން ކަމަށެވެ. އެފްއޭ ކަޕް ކާމިޔާބު ކުރެވުމަކީ އޮބާމަޔަން އެޓީމުގައި ބަހައްޓަން ކުރަމުން އަންނަ މަސަތްކަތަށް ލިބޭނެ ބޮޑު ހިތްވަރަކަށް ވާނެ ކަމަށާއި އާސެނަލާއެކު ކާމިޔާބީ ހޯދޭނެކަން އޮބާމަޔަންއަށް އަބަދުވެސް ވިސްނައިދޭން މަސަތްކަތް ކުރާ ކަމަށް އާޓެޓާ ބުންޏެވެ.

އާސެނަލުން އެފްއޭ ކަޕް ފައިނަލުގައި މިރޭ ވާދަވެރި ޗެލްސީއާ ދެކޮޅަށް ނިކުންނައިރު، ޓީމު އޮތީ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް އާޓެޓާ ބުންޏެވެ. އާޓެޓާ ބުނީ އާސެނަލްގެ އަމާޒަކީ ތައްޓަކާއެކު ސީޒަން ނިންމާލުން ކަމަށެވެ.

ނަތީޖާތައް ރަނގަޅުވި ނަމަވެސް ސީޒަނުގެ ކުރީކޮޅު ކުރިމަތިވި ފޫނުބެއްދޭ ވަރުގެ ގެއްލުންތަކުގެ ސަބަބުން އަންނަ ސީޒަނުގައި ވެސް ޗެމްޕިއަންސް ލީގް ފުޓްބޯޅަ ކުޅުމުގެ ފުރުސަތު އާސެނަލް އަށް ވަނީ ގެއްލިފައެވެ. ޔޫރަޕްގައި ނުކުޅެވޭތީ އޮބާމެޔާން ކްލަބު ދޫކޮށްދާން އުޅޭކަމުގެ އަޑުތައް ވެސް ފަހަކަށް އައިސް އަންނަނީ ގަދައަށް ފެތުރެމުންނެވެ. އޮބާމެޔާން އަށް ސްޕެއިނުގެ ބާސެލޯނާ އާއި އިޓަލީގެ އިންޓަ މިލާނުން ފާރަލަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ގެބޮން އަށް އުފަން އުމުރުން 30 އަހަރުގެ އޮބާމެޔާން މިވަގުތު އާސެނަލްގެ ކޮންޓްރެކްޓްގައި ހުރީ 2021 ވަނަ އަހަރާ ހަމައަށެވެ. އާސެނަލުން އޮބާމެޔާން އަށް އާ ކޮންޓްރެކްޓެއް ދޭން މިހާތަނަށް ކުރި މަސައްކަތް ކާމިޔާބެއްނުވިއެވެ. މީގެ ދެ އަހަރު ކުރިން ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް 63 މިލިއަން ޔޫރޯ އަށް އާސެނަލަށް ސޮއިކުރި އޮބާމެޔާން ވަނީ މިހާތަނަށް އެ ޓީމަށް 66 ގޯލް ޖަހައިދީފައެވެ.