މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯގެ އެސިސްޓެންޓެއްގެ ގޮތުގައި 17 އަހަރު ވަންދެން މަސައްކަތް ކުރުމަށްފަހު އެ މަގާމު ދޫކޮށްލަން ރުއީ ފާރިއާ ނިންމައިފިއެވެ.

މޮރީނިއޯގެ އެސިސްޓެންޓުގެ މަގާމުން ފާރިއާ ދުރަށް ދިޔުމަށް ނިންމާފައިވަނީ މި ސީޒަން ނިމުމުންނެވެ.

ޕޯޗުގަލް އަށް އުފަން ފާރިއާ ބުނީ އެ މަގާމު ދޫކޮށްލަން ނިންމީ ވަރަށް ވިސްނުމަށްފަހު ކަމަށާއި މިއީ ކުރިއަށްދާން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އޭނާ އަށް ކުރި އިތުބާރަށްޓަކާ މޮރީނިއޯ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށްވެސް ފާރިއާ ބުންޏެވެ.

ފާރިއާގެ މި ނިންމުމާ ގުޅޭގޮތުން މޮރީނިއޯ ބުނީ ފާރިއާ އަކީ މީގެކުރިން އޭނާގެ ދަރިވަރެއް ކަމަށާއި ނަމަވެސް މިހާރު އޭނާއަކީ ފުޓްބޯޅަ "އެކްސްޕާޓް" އެއް ކަމަށެވެ. އަދި ކްލަބަކަށް ކޯޗުކޮށްދިނުމަށް ފާރިއާ މިހާރު ހުރީ ފުރިހަމަ އަށް ތައްޔާރުވެފައި ކަމަށްވެސް މޮރީނިއޯ ބުންޏެވެ.

"ފާރިއާގެ ނިންމުން އަހަރެން ބަލައިގަންނަން. އެކަމަކު އަހަރެން އޭނާ މަތިން ވަރަށް ހަނދާންވާނެ. އެއީ އަހަންނަށް އުނދަގޫ ކަމަކަށް ވާނީ. އެ ހުރިހާ ކަމަކަށް ވުރެ ވެސް ފާރިއާ އުފަލުން ހުރުން މާ މުހިއްމު" މޮރީނިއޯ ބުންޏެވެ.

ފާރިއާ ވަނީ މޮރީނިއޯ އާއެކު ޗެލްސީ އާއި ރެއާލް މެޑްރިޑާއި ޕޯޓޯ އާއި ރެއާލް މެޑްރިޑުގެ އިތުރުން އިންޓަ މިލާނުގައި ވެސް މަސައްކަތް ކޮށްފައެވެ.

މޮރީނިއޯގެ އެސިސްޓެންޓު ކަމުގެ މަގާމުން ފާރިއާ ދުރަށްދާން ނިންމާފައިވާއިރު މި ސީޒަނަށްފަހު ޔުނައިޓެޑްގެ ކޯޗިން ޓީމާއި މައިކަލް ކެރިކް ގުޅުމަށް ވަނީ ނިންމާފައެވެ. ކެރިކް ވަނީ މި ސީޒަނަށްފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައެވެ.