ޔޫތު ސިޓީ ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލަށް ލ. ގަން ފުޓްސަލް ޓީމާއި އެފްސީ ދާއެޅުން ދަތުރުކޮށްފި އެވެ.

ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ މުބާރާތުގެ ފިރިިހެން ޑިވިޝަނުގެ ފައިނަލަށް ގަން އެފްސީއާއި އެފްސީ ދާ އެޅުން ދަތުރުކުރީ ސެމީގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ.

އެފްސީ ދާއެޅުން ފައިނަލަށް ދަތުރު ކުރީ ސެމީގެ ފުރަތަމަ މެޗުގައި ވާދަކުރި ހުޅުމާލެ ފްލެޓް 7 ގެ މައްޗަށް 5-2 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. އެމެޗުގައި އެފްސީ ދާއެޅުން ޓީމުން ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަލީ ހާފިޒް ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ މުހައްމަދު އިމްރާން އެވެ. އަދި ފްލެޓް 7 ގެ ދެގޯލްވެސް ޖަހައިދިނީ އާފިގް ރަޝީދު އެވެ.

ސެމީގެ ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޖިޔޭ އަތުން ގަން އެފްސީ މޮޅުވީ ޕެނެލްޓީ ޖަހައިގެން ނެވެ. މެޗުގެ ފުރިހަމަ ވަގުތުހަމަވި އިރު، 2-2 ގެ ނަތީޖާއިން އެއްވަރުވުމުން ކުރިއަށް ގެންދިޔަ ޕެނެލްޓީގައި ގަން އެފްސީން ކުރިހޯދީ 4-3ގެ ނަތީޖާއިންނެވެ.

މެޗުގެ ކުރީކޮޅު އަބްދުﷲ ޝާފިއު ކާމިޔާބުކޮށްދިން ލަނޑާއެކު ބަޖިޔޭއިން މެޗުގެ ލީޑު ނެގި ނަމަވެސް ހާފް ނިމުމުގެ ކުރިން އަހުމަދު ހަލީމް ވަނީ ގަން އެފްސީ އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި ދެވަނަ ހާފްގައި އަހުމަދު ހަލީމް ގަން އެފްސީއަށް ލީޑު ހޯދައިދިން ނަމަވެސް މެޗުގެ ފަހު މިނެޓުގައި އަބްދުﷲ ޝާފިއު ޖެހި ދެވަނަ ލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނީ 2-2 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

މެޗުގައި ބަޖިޔޭއިން ޖެހި ހަތަރު ޕެނެލްޓީގެ ތެރެއިން ކާމިޔާބުވީ އިބްރާހީމް މުބީން ޖެހި ޕެނެލްޓީއެވެ. އަދި ގަން އެފްސީއަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޝިނާން ޝަރީފާއި އަހުމަދު ރަޝީދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގަން އެފްސީގެ ކީޕަރު މުހައްމަދު އަމްރާދެވެ.

ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަން ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ މާދަމާ ރެއެވެ.