ކުރީގެ ރިއަލް މެޑްރިޑް އަދި ސްޕެއިންގެ ގޯލު ކީޕަރު އިކާ ކަސިޔަސް ފުޓްބޯޅައިން ރިޓަޔަކޮށްފިއެވެ.

ޓްވިޓާގައި އޭނާގެ ރިޓަޔާމެންޓް އިއުލާން ކުރަން ކުރި ޕޯސްޓެއްގައި ކަސިޔަސް ބުނެފައި ވަނީ ކުރާ ދަތުރުގައި އެންމެ މުހިންމު ކަމަކީ އެއްބާރުލުން ދޭ މީހުން ކަމަށާއި ގެންދާ މަންޒިލެއް ނޫން ކަމަށެވެ.

" އަހަރެންނަށް ބުނެވޭނެ އެއްވެސް ބިރަކާ ނުލައި މިހާރު މި އާދެވިފައިވާ މަންޒިލަކީ އަހަރެންގެ ހުވަފެން ކަމުގައި،" ކަސިޔަސް ބުންޏެވެ.

16 އަހަރު ވަންދެން ރިއަލް މެޑްރިޑަށް ކުޅެދީފައިވާ ކަސިޔަސް ވަނީ އެ ޓީމަށް 725 މެޗު ކުޅެދީ ޗެންޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކޮށް ލަލީގާ 5 ފަހަރު އުފުލާލައިފައެވެ. މީގެ އިތުރުން އޭނާ ވަނީ 2010 ވަނަ އަހަރު ސްޕެއިން ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު އިސް ދައުރެއް އަދާކޮށް ސްޕެއިން އާއެކު ދެ ފަހަރު ޔޫރޯ ކަޕް ކާމިޔާބު ކޮށްފައެވެ.

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ގޯލް ކީޕަރު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަސިޔަސް 2015 ވަނަ އަހަރު ރިއަލް މެޑްރިޑް ދޫކޮށް ޕޯޗުގަލްގެ ޕޯޓޯ އާއި ގުޅުނު އިރު އެ ޓީމަށް ވަނީ 156 މެޗު ކުޅެ ދީ ދެ ފަހަރު ޕޯޗުގަލް ލީގު ކާމިޔާބުކޮށް އަދި އެއް ޕޯޗުގީޒް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.

2019 ވަނަ އަހަރު އޭޕްރީލް މަހުގައި ލިބުނު ހާޓް އެޓޭކް އަކަށް ފަހު މިހާތަނަށް ކަސިޔަސް އެއްވެސް މެޗެއް ކުޅެފައި ނުވާއިރު ޖުލައި މަހުގައި ޕޯޓޯއިން ވަނީ ކޯޗު ކަމުގައި އެހީތެރި ވުމަށް އޭނާއަށް ފުރުސަތު ދީފައެވެ.