މި ސީޒަނަށްފަހު ވެސް ނޭމާ ޕީއެސްޖީގައި މަޑުކުރާނެ ކަމުގެ 2000 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށް ޕީއެސްޖީގެ ރައީސް ނަސީރް އަލް ހަލައިފީ ވިދާޅުވެއްޖެއެވެ.

ޕީއެސްޖީގެ ރައީސް މިހެން ވިދާޅުވެފައިމިވަނީ މި ސީޒަނަށްފަހު އޭނާ އެ ކްލަބު ދޫކޮށްލަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ބައެއް މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ނޭމާ ގެނައުމަށް ސްޕެއިންގެ ރެއާލް މެޑްރިޑުން ޝައުގުވެރިވެއެވެ.

ކުރިމަގާ ގުޅޭގޮތުން ނޭމާ މިހާތަނަށް ވާހަކަ ދައްކާފައި ނުވާއިރު ޕީއެސްޖީގެ ރައީސް ވިދާޅުވީ ނޭމާ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުމެއް އެބައޮތް ކަމަށާއި އޭނާ އެ ކްލަބުގައި މަޑުކުރާނެ ކަމުގެ 2000 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށެވެ.

"ކާކު ބުނީ ނޭމާ ދާނެއޭ. އެކަކުވެސް ނުބުނޭ ނޭމާ ޕީއެސްޖީ ދޫކޮށްލާނެއެކޭ. ނޭމާ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުމެއް އެބައޮތް. އޭނާ މި ކްލަބުގައި މަޑުކުރާނެ ކަމުގެ 2000 ޕަސެންޓް ޔަގީންކަން އެބައޮތް" ހަލައިފީ ވިދާޅުވިއެވެ.

ނޭމާ އަށް ލިބުނު އަނިޔާއަކާއި ގުޅިގެން ސީޒަނުގެ ފަހުކޮޅު ކުޅުމުގެ ފުރުސަތު އޭނާ އަށް ވަނީ ގެއްލިފައެވެ. ނޭމާ މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ މިއަހަރުގެ ޖޫން މަހު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕަށް ފިޓުވުމަށެވެ.

ބްރެޒިލް އަށް އުފަން އުމުރުން 26 އަހަރުގެ ނޭމާ ބާސެލޯނާ ދޫކޮށްލުމަށްފަހު މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ޕީއެސްޖީ އަށް ބަދަލުވީ ދުނިޔޭގެ ރެކޯޑު އަގަކަށް ކަމަށްވާ 222 މިލިއަން ޔޫރޯއަށެވެ.

ޕީއެސްޖީގައި މޮޅު ކުޅުމެއް ނޭމާ ދައްކަމުން އަންނައިރު އޭނާ މި ސީޒަނުގައި އެޓީމަށް ކުޅެދިން 30 މެޗުގައި 29 ގޯލު ކާމިޔާބުކޮށްދީފައެވެ.