މެންޗެސްޓާ ސިޓީން ސްޕެއިންގެ ވެލެންސިއާ އަށް ކުޅެމުންދާ ފެރަން ޓޯރެސްގެ ސޮއި ހޯދައިފިއެވެ.

ތޭވީސް މިލިއަން ޔޫރޯގެ އަގަކަށް ޓޯރެސް ސިޓީއަށް ސޮއި ކުރީ ފަސް އަހަރުގެ އެއްބަސްވުމެއްގައެވެ. ސަމާ ޓްރާންސްފާގެ ފުރަތަމަ ކުޅުންތެރިޔަކަށް ސިޓީން ޓޯރެސް ހޯދީ މިދިޔަ ޖުލައި މަހުގައި ޖަރުމަނުގެ ޗެންޕިއަން ބަޔާންއާ ގުޅުނު ސާނޭގެ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައެވެ.

ސިޓީއަށް ސޮއި ކުރުމަށް ފަހު ޓޯރެސް ބުނެފައި ވަނީ ހުރިހާ ކުޅުންތެރިން ވެސް ސިޓީ ކަހަލަ އެޓޭކިން ޓީމަކާއި ގުޅެން ބޭނުންވާނެ ކަމަށެވެ.

" ކޮންމެ ކުޅުންތެރި އެއްވެސް ބޭނުން ވާނެ އެޓޭކިން ފުޓުބޯޅައެއް ކުޅޭ ޓީމަކަށް ކުޅެން، ސިޓީ އަކީ އެޓޭކިން ފުޓުބޯޅައެއް އެންމެ ރަނގަޅަށް ކުޅޭ އެއްް ޓީމު" ޓޯރެސް ސިޓީގެ ވެބްސައިޓްގައި ބުނެފައި ވެއެވެ.

"އަހަރެން ބޭނުމީ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާން، ސިޓީއަށް ގުޅުނީތީ އަހަރެން މިހުރީ ވަރަށް އުފަލުން"

ވެލެންސިއާގެ އެކަޑަމީން އެ ޓީމުގެ ސީނިއާ ޓީމަށް 2017 ވަނަ އަހަރު ޓޯރެސް ކުޅެން ފެށިއިރު މި ސީޒަންގައި އޭނާ ވަނީ ވެލެންސިއާ އަށް 34 މެޗު ކުޅެދީ 4 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ސްޕެއިންގެ ޒުވާން އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ 20 އަހަރުގެ ޓޯރެސް ވަނީ ވެލެންސިއާ އާއި އެކު ކޮޕަޑެލްރޭ ކާމިޔާބު ކޮށްފައެވެ.

ސިޓީ އިން މިއަަހަރު ޓްރާންސްފާ މާކެޓްގައި އަދި އިތުރު ކުޅުންތެރިން ހޯދަމުންދާ އިރު ރިޕޯޓްތައް ބުނާ ގޮތުން އެ ޓީމުން ވަނީ ބޯންމެތްގެ ޑިފެންޑާ ނަތާން އާކީ އާއެކު 40 މިލިއަން ޕައުންޑުގެ އަގަކަށް އެއްބަސް ވުމަކަށް އާދެވިފައެވެ.