ޔޫތު ސިޓީ ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލަށް ޓީމް ފްރެންޑްސް އާއި ދިވެހި ސިފައިންގެ ކްލަބް ދަތުރުކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން އިންތިޒާމް ކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ ޔޫތް ސިޓީ ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލަށް މި ދެ ޓީމް ދަތުރުކުރީ ސެމީގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ.

ޖުމްލަ 7 ޓީމު ވާދަކުރި އަންހެން ޑިވިޝަނުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ވާދަކުރި އުރީދޫ ޓީމުގެ މައްޗަށް ޓީމު ފްރެންޑްސް ކުރި ހޯދީ 19-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.

އެ މެޗުގައި ޓީމް ފްރެންޑްސް ކާމިޔާބުކުރި 19 ގޯލުގެ ތެރެއިން ހަ ގޯލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ސަފިއްޔާ ރަފާ ކާމިޔާބުކޮށްދިން އިރު، ފިރުޝާނާ ނަސީރު ވަނީ ހަތް ގޯލް ޖަހައިދީފައެވެ. އަދި އިއްފަތު ޔޫނުސާއި ފާތިމަތު އަރޫޝާވަނީ ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ޖަހައިފައެވެ، މީގެ އިތުރުން އަނެއް ދެ ގޯލް ކާމިޔާބުކޮށް ދިނީ ހައްވާ ސަމާ އަދި އައިޝަތު ފިރުޝާނާ އެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ކަނބަލުން ކޮޅަށް ދިވެހި ސިފައިންގެ ކްލަބް ވަނީ 31 ގޯލް ޖަހާފައެވެ. އެ މެޗުގައި ދިވެހި ސިފައިންގެ ކްލަބަށް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މަރިޔަމް ރިފާ 14 ގޯލް ޖަހަދިން އިރު، އެޓީމުގެ ފާތިމަތު ޒާހިޔާ (ޒެޑޭ) ވަނީ ފަސް ލަނޑު ޖަހައިދީފައެވެ.

ދިވެހި ސިފައިންގެ ކްލަބުން ޖެހި އިތުރު ލަނޑުތަކުގެ ތެރެއިން ޝަހްފާ ޝިއުތާއި ފާތިމަތު އަލްމާ އަލީއާއި އައިމިނަތު އަޒީމާ އަދި ފާތިމަތު ޒާހިރާއާއި ފާތިމަތު ޝަހުމާ މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ޖަހަދިން އިރު، އައިމިނަތު ނުޒުހަތު ވަނީ އެއް ގޯލް ކާމިޔާބުކޮށްދީ ފައެވެ.

ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ މާދަމާ ރެއެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މާދަމާ ރޭ 8:00ގައި ފަށަން ހަމަޖެހިފައިވާ އިރު، ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ފަށާނީ 9:00 ގައެވެ.

ޖުމްލަ 136 ޓީމާއެކު ފެށިގެން ކުރިއަށްދާ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 120 ޓީމު، އަދި އަންހެން ޑިވިޝަނުގައި 16 ޓީމު ވާދަކުރެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ކުރިއަށް ގެންގޮސްފައި ވަނީ ނޮކްއައުޓް އުސޫލުންނެވެ. އަދި އަންހެން ޑިވިޝަން ކުރިއަށް ގެންދިޔައީ ހަތަރު ގްރޫޕަކަށް ބަހާލުމަށްފަހު، ގްރޫޕް ސްޓޭޖް މެޗުތައް ނިމުމުން އެންމެ ކުރީގައި އޮންނަ ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

މިފަހަރުގެ މުބާރާތުގެ ފައިސާގެ އިނާމްތައް ބޮޑުކޮށް ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ވަނީ ހުށަހަޅާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު