މެންޗެސްޓާ ޔުނައިޓަޑާއި އިންޓަ މިލާން ޔޫރަޕާ ލީގުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

މެންޗެސްޓަ ޔުނައިޓެޑް އިން ރޭ ލާސްކް އާއި ދެކޮޅަށް 2-1 ގެ ނަތީޖާ އަކުން ކުރި ހޯދި އިރު އިންޓާ އިން ވަނީ ސްޕެއިނުގެ ގެޓާފޭ 2-0 ގެ ނަތީޖާ އިން ބަލިކޮށްފައެވެ.

ކޮވިޑް-19 އަށް ފަހު ޔޫރަޕާ ލީގުގެ ރައުންޑް އޮފް 16 ގެ ދެވަނަ ބުރުގެ މެޗުތަށް ރޭގަ ކުޅުނު އިރު ޔުނައިޓަޑުން ކުޅުނު ފުރަތަމަ ބުރުގެ މެޗުން 5-0 ގެ ނަތީޖާ އަކުން ކުރި ހޯދާފައި ވުމާއެކު ކުއާޓާއަށް ދަތުރު ކުރީ 7-1 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.

ޔުނައިޓަޑުގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފުރަތަމަ ލީޑު ނެގީ ލާސްކް އިންނެވެ. ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވާއިރު ދެވަނަ ހާފްގެ 55 ވަނަ މިނަޓް ގައި ކެޕްޓަން ފިލިޕް ވެއިސިންގާ ވަނީ ލާސްކްގެ ލަނޑު ކާމިޔާބުކޮށްފައެވެ.

މެޗުގެ 57 ވަނަ މިނަޓްގައި ލިންގާޑް ޔުނައިޓަޑްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރިއިރު މެޗު ނިމެން ދެ މިނަޓަށް ވެފައި ވަނިކޮށް މާޝިއަލް ވަނީ ޔުނައިޓަޑްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ.

ރޭގެ މެޗު ކާމިޔާބުކޮށް ޔުނައިޓަޑް ކުއާޓާއަށް ދިޔުމާއެކު އެ ޓީމު ނިކުންނަން ޖެހޭނީ ޑެންމާކުގެ ކޮޕެންހާގެންއާ ދެކޮޅަށެވެ. ކޮޕެންހާގެން ކުއާޓާ އިން ފުރުސަތު ހޯދީ ރޭ ކުޅުނު ދެ ވަނަ ލެގުގެ މެޗުން ތުރުކީގެ އިސްތަންބޫލް ބަޝަކްޝެހީރް އަތުން 3-0 އިން މޮޅުވެގެންނެވެ.

އިންޓާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު އެ ޓީމުން 2-0 ގެ ނަތީޖާ އަކުން ކުރި ހޯދިއިރު މެޗުގެ ފުރަތަމަ ލަނޑު 33 ވަނަ މިނަޓް ގައި ލުކާކޫ ވަނީ ކާމިޔާބުކޮށް ދީފައެވެ. ފުރަތަމަ ހާފް 1-0ގެ ނަތީޖާ އަކުން އިންޓާ ކުރީގައި އޮތް އިރު އެ ޓިމުގެ ދެވަނަ ލަނޑު 83 ވަނަ މިނަޓް ގައި ކްރިސްޓިއަން އެރިކްސެން ވަނީ ކާމިޔާބު ކޮށްފައެވެ.

މި މެޗުން މޮޅުވެ ކުއާޓާއިން އިންޓާ ޖާގަ ހޯދިއިރު ކުއާޓާގައި އިންޓާ ނިކުންނަން ޖެހޭނީ ބަޔާ ލެވަކޫސަން އާއި ރޭންޖޭސް ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.