މިދިޔަ އަހަރުގެ ޗެންޕިއަންސް ލީގު ޗެންޕިއަން ރިއަލް މެޑްރިޑް ބަލިކޮށް މެންޗެސްޓާ ސިޓީ ޗެމްޕިއަންސްގެ ލީގުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ. ކޮވިޑް-19 ގެ ސަބަބުން މެދު ކަޑާލާފައިވާ ޗެންޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގެ ދެވަނަ ބުރުގެ މެޗުތަށް ރޭ ފެށި އިރު ސިޓީ މި މެޗަށް ނިކުތީ ފުރަތަމަ ލެގު ކާމިޔާބުކޮށް އެޑްވާންޓޭޖަކާއި އެކުގައެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެވެ. ފުރަތަމަ ލެގުގެ މެޗުވެސް މިދިޔަ ފެބްރުއަރީ މަހު ސިޓީއިން 2-1 ގެ ނަތީޖާ އަކުން މޮޅުވެފައި ވުމާއެކު އެ ޓީމު ކުއާޓާއަށް ދަތުރުކުރީ އެގްރިގޭޓް 4-2 ގެ ނަތީޖާ އަކުންނެވެ. ކުއާޓާގެ މެޗުތަށް ލިސްްބޮން ގައި ނޮކްއައުޓް އުސޫލުން ކުޅޭއިރު ސިޓީއިން ނިކުންނަން ޖެހޭނީ ރޭ ޔުވެންޓަސް ކަޓުވާލުމަށް ފަހު ކުއާޓާއަށް ދަތުރުކުރި ލިޔޯން އާއި ދެކޮޅަށެވެ.

ރޭގެ މެޗުގައި ސިޓީއިން ވަނީ 9 ވަނަ މިނަޓްގައި ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑު ނަގާފައެވެ. މި ލަނޑަކީ ރެއާލްގެ ޑިފެންޑާ ވަރާނޭ އަށް ހެދުނު ގޯހަކުން އޭގެ ފައިދާ ގެބްރިއަލް ޖީސަސް ނަގައި ރަހީމް ސްޓާލިން އަށް ހޯދައިދިން ފުރުސަތެއްގައި ކާމިޔާބު ކުރި ލަނޑެކެވެ. ނަމަވެސް މެޗުގެ 28 ވަނަ މިނެޓްގައި ބެންޒިމާ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ފުރަތަމަ ހާފް 1-1 ގެ ނަތީޖާއަކުން ނިމިގެން ދިޔަ އިރު ސިޓީގެ ދެވަނަ ލަނޑު ކާމިޔާބު ކުރީ ގެބްރިއަލް ޖީސަސް އެވެ. މި ލަނޑަކީވެސް ވަރާނޭ ކީޕަރަށް ބޮލުން ލީ ޕާހެއްގެ ފައިދާ ނަގައި ޖީސަސް 68 ވަނަ މިނެޓް ގައި ކާމިޔާބު ކުރި ލަނޑެކެވެ.

މި މެޗުގައި ރެއާލްގެ ކެޕްޓަން ރާމޯސް ސަސްޕެންޝަންގެ ސަބަބުން ކުޅެފައި ނުވާއިރު ރެއާލްއިން ވަނީ އެކިއެކި ގޯސްތަކެއް ހަދާފައެވެ. ރެއާލް މިމެޗުން ބަލިވުމާއި އެކު ވެގެން ގޮސްފައި ވަނީ ޒިދާންގެ ކޯޗު ކަމުގައި އެ ޓީމު ޗެންޕިއަންސް ލީގް އިން ކެޓި ފުރަތަމަ ފަހަރަށެވެ. ވޭތުވި ތިން އަހަރު ޖެހިޖެހިގެން ޒިދާންގެ ކޯޗު ކަމުގައި ރެއާލް ޗެންޕިއަންސް ލީގު އުފުލާލާފައި ވާއިރު މެޗަށް ފަހު ވަރާނޭ ވަނީ މެޗުން ބަލިވި ކަމުގެ ޒިންމާ ނަގާފައެވެ.

ރެއާލް މިފަހަރު މުބާރާތުން ވަކި ވުމާއެކު ވެގެން ގޮސްފައި ވަނީ 2010 ވަނަ އަހަރަށް ފަހު ކުއާޓާގެ ކުރިން މުބާރާތުން ވަކިވި ފުރަތަމަ ފަހަރަށެވެ. ފާއިތުވި 8 ސީޒަންގައި އެ ޓީމުން ވަނީ ސެމީފައިނަލާއި ހަމައަށް ދަތުރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ރެއަލް ބަލިވުމަކުން ފޭނުންނަށް ލިބޭނެ މާބޮޑު ގެއްލުމެއް ނެތް! ޗެމްޕިއަންސް ލީގު ހޯދި ހުރިހާޓީމެއް ތަށިތައް އެއްކޮށްލިޔަސް ރެއަލް އާށްވުރެ މަދުވާނެ!

    11
    9
  2. ވާނުވާޝަނޫނު

    އެންމެ ފަހުގެ ޗެންޕިއަނުން ނަކީ ލިވަޕޫލް!

    11
    3