ލިއޯންގެ މައްޗަށް ކާމިޔާބު ހޯދި ނަމަވެސް އެގްރިގޭޓުން ކުރި ނުލިބި ޔުވެންޓަސް ފުރުސަތު ނަގާލައިފިއެވެ. ރޭ ޗެންޕިއަންސް ލީގް ރައުންޑް އޮފް 16 ގެ ދެވަނަ ލެގުގައި ޔުވެންޓަސް އާއި ލިއޯން ބައްދަލު ކުރި މެޗު ޔުވެންޓަސް އިން ކާމިޔާބު ކުރި ނަމަވެސްް އެ ޓީމު ވަނީ މުބާރާތުން ކަޓާފައެވެ. އަވޭ ގޯލުގެ އެޑްވާންޓޭޖާ އެކު ލިއޯން ކުއާޓާއަށް ދަތުރު ކުރިއިރު އެ ޓީމު ރޭގެ މެޗަށް ނިކުތީ ފުރަތަމަ ލެގް މިދިޔަ ފެބްރުއަރީ މަހު 1-0 ގެ ނަތީޖާ އަކުން ކާމިޔާބުކޮށް އެޑްވާންޓޭޖަކާއި އެކުގައެވެ.

2-1 ގެ ނަތީޖާ އަކުން ޔުވެންޓަސް މޮޅުވި މި މެޗުގައި ރޮނާލްޑޯ ވަނީ ދެ ލަނޑު ކާމިޔާބުކޮށް ދީފައެވެ. މި މެޗުގައި ފުރަތަމަ ލިއޯން އިން ލަނޑެއް ކާމިޔާބުކޮށް ލީޑު ނެގިއިރު އެ ޓީމުން ވަނީ ޔުވެންޓަސްއަށް ޕްރެޝާ ބޮޑުކޮށްފައެވެ. މި ލަނޑަކީ ލިބުނު ޕެނަލްޓީއެއްގައި މެމްފިސް ޑީޕޭ މެޗުގެ 12 ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑެކެވެ. މި ލަނޑާއި އެކު ކުއާޓާއަށް ދަތުރު ކުރުމަށް ޔުވެންޓަސް އިން 3 ލަނޑު ކާމިޔާބު ކުރަން ޖެހެއެވެ. މެޗުގެ 43 ވަނަ މިނަޓްގައި ރޮނާލްޑޯ ލިބުނު ޕެނަލްޓީއެއް ގައި ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކުރި އިރު ފުރަތަމަ ހާފް ނިމިގެން ފިޔައީ 1-1 ގެ ނަތީޖާ އަކުންނެވެ.

ދެވަނަ ހާފްގެ 60 ވަނަ މިނެޓްގައި ރޮނާލްޑޯ ވަނީ ލަނޑެއް ކާމިޔާބުކޮށް ފަހަތުން އަރައި ޔުވެންޓަސްއަށް ކުރި ހޯދާ ދީފައެވެ. މިމެޗު ޔުވެންޓަސް 2-1 ގެ ނަތީޖާ އަކުން ކުރި ހޯދި ނަމަވެސް ފުރަތަމަ ލެގް 1-0 ގެ ނަތީޖާ އަކުން ލިއޮން ކާމިޔާބު ކޮށްފައި ވުމުން އެގްރިގޭޓް 2-2ގެ ނަތީޖާ އަކުން ލިއޮން ކުއާޓާއަށް ދަތުރު ކުރީ އަވޭ ގޯލްގެ އެޑްވާންޓޭޖާއި އެކުގައެވެ.

ކުއާޓާގައި ލިއޮން ނިކުންނަން ޖެހޭނީ ރޭ ރެއާލް ކަޓުވާލައި ކުއާޓާއަށް ދަތުރު ކުރި ސިޓީ އާއި ދެކޮޅަށެވެ. 2010 ވަނަ އަހަރަށް ފަހު ލިއޮން މި ސީޒަންގައި ކުއާޓާއަށް ދަތުރު ކުރިއިރު އެ ޓީމު ވެގެން ގޮސްްފައި ވަނީ ޔުވެންޓަސް މުބާރާތަކުން ކަޓުވާލި ފުރަތަމަ ފްރެޗް ޓީމަށެވެ.