އަނިޔާއަށް ފަހު ކުރިން ނިއުރޭޑިއަންޓް އަދި ޔުނައިޓަޑް ވިކްޓްރީ އަށް ކުޅުނު އަހުމަދު ޝުހައިލް (ބަންބުޗް) އަލުން އަނބުރާ ކުޅުމުގައި ބައިވެރިވެއްޖެއެވެ.

މީގެ ދެ އަހަރު ކުރިން 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އެއް އަހަރާއި ހަމަސް ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު މިހާރު އެއްކޮށް ފިޓްވެފައިވާ ކަމަށް ބަންބުޗް ބުންޏެެވެ.

މިއަހަރު ފެބްރުއަރީ މަހު އަނެއްކާވެސް ކުޅުމާއި ގުޅުނު ބަންބުޗް ބުނީ އަންނަ ސީޒަންގައި ކުޅުމަށް މިހާރު ފުރަތަމަ ޑިވިޝަނުގެ ދެ ކުލަބަކާއި ވާހަކަ ދެކެވެމުން ކަމަށެވެ. ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބްގައި 2014 ގައި ފެނިގެން ދިޔަ ބަންބުޗް ވަނީ އެ ޓީމަށް ތިން އަހަރު ކުޅެދީފައެވެ. ނިއު އާއެކު ބަންބުޗް ވަނީ ދިވެހި ލީގު 2014 އަދި 2015 ވަނަ އަހަރު ކާމިޔާބުކޮށް އަދި އެފްއޭކަޕް ވެސް 2014 ވަނަ އަހަރުގައި އުފުލާލާފައެވެ.

ނިއުގައި މޮޅު ކުޅުމެއް ދެއްކި ބަންބުޗް ވަނީ އެ ޓީމާއި އެކު 2015 އަދި 2016 ވަނަ އަހަރު އޭއެފްސީ ކަޕްގައިވެސް ކުޅެފައެވެ. 2017 ވަނަ އަހަރުގައި ބަންބުޗް ޓީސީ އާއި ގުޅުނު އިރު އޭނާ ވަނީ އެ ޓީމަށް 4 މެޗު ކުޅެދީފައެވެ. އެއަށްފަހު އޭނާ ވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއް ގައި 2018 ވަނަ އަހަރު ޔުނައިޓަޑް ވިކްޓްރީ އާއި ގުޅިފައެވެ.

23 އަހަރުން ދަށުގެ ގައުމީޓީމަށް ބަންބުޗް ކުޅެދީފައި ވާއިރު އޭނާ ވަނީ 3 މުބާރާތެއްގައި ގައުމީ ޓީމާއި އެކު ކުޅެފައެވެ. ސައުތް އޭޝިއަން ގޭމްސް، ބަންގަބަންދު ޓޯނަމެންޓް އަދި އޭއެފްސީ ކޮލިފައިންގައި 2015 ވަނަ އަހަރު ކުޅުނު ޒުވާން ކުޅުންތެރިޔާ ބަންބުޗް ވަނީ މި އަހަރު ފެބްރުއަރީ މަހު އަނެއްކާވެސް ކުޅުމާއި ގުޅި ކާށިދޫ ޒުވާނުންގެ ރޫހް ފުޓުބޯޅަ މުބާރާތުގައި ޓީމް އެމްޖީސް އަށް ކުޅެދީފައެވެ.

ކުރިއަށް އޮތް ސީޒަންގައި ފެނިގެންދާނީ ކޮންޓީމަކުންތޯ "ވަގުތު"ން ކުރި ސުވާލަކަށް ބަންބުޗް ބުނީ މިހާރު ދެ ކުލަބަކާއި ވާހަކަ ދެކެވެމުން ދާކަމަށާއި އެ ކުލަބު ތަކުގެ ނަން ހާމަކުރަން އަދި ބޭނުން ނުވާ ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު