ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ފަހު ޖާގަ ހޯދާ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ލިވަޕޫލް ޖާގަ ހޯދިއިރު އަންނަ ސީޒަނުގައި ޗެލްސީ ޔޫރޮޕާ ލީގުގައި ކުޅެން ޖެހިއްޖެއެވެ.

ލީގުގެ ފަހު މެޗުތައް ރޭ ކުޅުނުއިރު ލިވަޕޫލް އިން ލީގު ނިންމާލީ 75 ޕޮއިންޓާ އެކުއެވެ. ލިވަޕޫލްއާއެކު ޕްރިމިއާ ލީގުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ދެން ޖާގަ ހޯދީ ޓޮޓެންހަމް (ލީގުގެ ތިންވަނަ) އާއި މެންޗެސްޓަރ ޔުނައިޓެޑް (ލީގުގެ ދެވަނަ) އަދި ޗެމްޕިއަންކަން ހޯދި މެންޗެސްޓަރ ސިޓީއެވެ.

މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަންކަން ހޯދި ޗެލްސީ މިފަހަރު ލީގު ނިންމާލީ 70 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައި އޮވެއެވެ. ޗެލްސީއާއެކު ޕްރިމިއާ ލީގުން އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުން ދެން ޖާގަ ހޯދީ އާސެނަލް އާއި ބާންލީއެވެ.

ޗެލްސީ އާއި ނިއުކާސަލް ބައްދަލުކުރި މެޗުގެ ތެރެއިން

ލީގުގެ ފަހު މެޗުގައި ރޭ ޗެލްސީ ވަނީ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑާއި ބައްދަލުކޮށް 0-3 އިން ބަލިވެފައެވެ. މި މެޗަށް ނިކުތްއިރު ވެސް ލީގުގެ ގަދަ ހަތަރެކަށް އެރުމުގެ ފުރުސަތު ޗެލްސީ އަށް އޮތީ ވަރަށް ބޮޑަށް ހަނިވެފައެވެ. އެގޮތުން ޗެލްސީ އަށް ގަދަ ހަތެރަކުން ޖާގަ ލިބެން ހަމައެކަނި އޮތީ ރޭގެ މެޗުން މޮޅުވެ އަދި ލިވަޕޫލް ކުޅޭ މެޗުން އެޓީމު ބަލިވެއްޖެ ހާލަތެއްގައެވެ.

ނަމަވެސް ރޭގެ މެޗުގައި ޗެލްސީގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ނިއުކާސަލްގެ ފުރަތަމަ ގޯލު މެޗުގެ 23 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ގޭލްއެވެ. ފުރަތަމަ ހާފްގައި ނިއުކާސަލްގެ ގޯލާ އަމާޒުކޮށް ޗެލްސީ އަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައި ނުވާއިރު ނިއުކާސަލްގެ ފަހު ދެ ގޯލު ކާމިޔާބުކޮށްދިނީ ޕެރޭޒްއެވެ.

ނިއުކާސަލްގެ ފަހު ދެ ގޯލު ކާމިޔާބުކޮށްދިން ޕެރޭޒް

ލީގުގެ ގަދަ ހަތަރެއްގެ ފަހު ޖާގަ ލިވަޕޫލް އިން ރޭ ކަށަވަރުކުރީ ބްރައިޓަންގެ މައްޗަށް 0-4 އިން ކުރި ހޯދައިގެންނެވެ. ރޭގެ މެޗުގައި ލިވަޕޫލްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހު ކަމަށްވާއިރު މި ގޯލާއެކު އޭނާ ވަނީ ޕްރިމިއާ ލީގުގެ ރެކޯޑެއް އަނެއްކާވެސް މުގުރާލާފައެވެ.

މި ގޯލަކީ ލީގުގައި ސަލާހު ކާމިޔާބުކުރި 32 ވަނަ ގޯލަށްވާއިރު އޭނާ މިހާރު ވެގެން ގޮސްފައިވަނީ ޕްރިމިއާ ލީގުގައި 38 މެޗު ކުޅެން ފެށިފަހުން އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ކާމިޔާބުކުރި ކުޅުންތެރިޔާ އަށެވެ.

މުހައްމަދު ސަލާހު

ލިވަޕޫލްގެ ދެވަނަ ގޯލު މެޗުގެ 40 ވަނަ މިނެޓްގައި ލޮވްރެން ކާމިޔާބުކޮށްދިންއިރު ތިންވަނަ ގޯލު ދެވަނަ ހާފްގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ ސޮލާންކޭއެވެ. އަދި އެޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ 85 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޮބަޓްސަންއެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މެންޗެސްޓަރ ޔުނައިޓެޑުން ވަނީ 0-1 އިން ވޮޓްފޯޑްގެ މައްޗަށް ކުރި ހޯދާފައެވެ. އަދި ލީގުގެ ތިންވަނަ މަގާމު ހޯދި ޓޮޓެންހަމް އިން 4-5 އިން ލެސްޓަ ސިޓީ ބަލިކުރިއިރު ޗެމްޕިއަން މެންޗެސްޓަރ ސިޓީން ވަނީ 0-1 އިން ސައުތްހެމްޓަންގެ މައްޗަށް ކުރި ހޯދާފައެވެ.