ޖެހިޖެހިގެން ހަތްވަނަ ފަހަރަށް އިޓާލިއަން ލީގު ޔުވެންޓަސް އިން ކާމިޔާބުކޮށްފިއެވެ.

ލީގުގައި ބާކީ އެއް މެޗު އޮއްވާ ޔުވެންޓަސް އިން ލީގު ކަށަވަރުކުރީ ރޭ ރަށުން ބޭރުގައި ރޯމާއާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުކޮށްލައިގެންނެވެ.

ރޭގެ މެޗުގެ ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި ޔުވެންޓަސް އޮތީ 92 ޕޮއިންޓާ އެކުއެވެ. 88 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައި ނަޕޯލީ އޮތްއިރު ކުރިއަށް އޮތް މެޗުން އެޓީމު މޮޅުވިޔަސް ދެން ޔުވެންޓަސްއާ އަރާ ހަމަ ނުކުރެވޭނެއެވެ. ޔުވެންޓަސް އަތުން ރޭ ޕޮއިންޓެއް ހޯދި ރޯމާ އޮތީ 74 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައެވެ.

ރޭގެ މެޗުގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބިފައިވެއެވެ. މެޗުގެ 68 ވަނަ މިނެޓްގައި ރޯމާގެ މިޑްފީލްޑަރު ނައިންގޮލާން އަށް ދެއްކި ރަތްކާޑާ އެކު މި މެޗު އެޓީމުން ނިންމާލާފައިވަނީ 10 ކުޅުންތެރިންނާ އެކުއެވެ.

މިއީ ޔުވެންޓަސް އިން އެ ކްލަބުގެ ތާރީހުގައި ހޯދި 34 ވަނަ ލީގު ތަށިކަން ފާހަގަކޮށްލެވެއެވެ. ލީގުގެ އިތުރުން ޔުވެންޓަސް އިން ވަނީ އިޓާލިއަން ކަޕް ވެސް މި ސީޒަނުގައި ހޯދާފައެވެ.

އިޓާލިއަން ލީގު ޔުވެންޓަސް އިން ހޯދިއިރު މިއީ މިފަހުގެ ތާރީހެއްގައި އެންމެ ވާދަވެރިކަން ބޮޑުވެގެންދިޔަ އިޓާލިއަން ލީގުގެ ސީޒަނެވެ. އެގޮތުން ޔޫރަޕްގެ ބޮޑެތި ލީގުތަކުގެ ތެރެއިން އެންމެ ވާދަވެރިކޮށް ދިޔައީ ލީގަކީ ވެސް އިޓާލިއަން ލީގެވެ.