ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލަށް މާފަންނު ޔޫތު ޑިވެލޮޕްމަންޓް އެސޯސިއޭޝަން ދަތުރުކޮށްފި އެވެ.

ވީއޭއެމް ކަޕް ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލަށް މާފަންނުގެ ޔޫތް ޓީމް ދަތުރުކުރީ ދެ ވަނަ ބުރުގައި ކްލަބް ވެމްކޯއާ ދެކޮޅަށް ކުޅުނު މެޗް 3-2 ސެޓުން ކާމިޔާބު ކޮށްގެންނެވެ.

ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ ފުރަތަމަ ސެޓް މެޗުގެ ސެޓުތައް ނިމުނީ 26-28، 23-25، 25-21، 26-24 އަދި 15-13 އިންނެވެ. އެއީ ވެމްކޯ މި މުބާރާތުން ބަލިވި ފުރަތަމަ މެޗެވެ.

އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާފަންނު ޔޫތު ޓީމުގެ އައިޝަތު މާޖިދާ އެވެ.

މުބާރާތުގެ އަންހެން ޑިވިޝަނުގެ ކުޅުން ކުރިއަށް ގެންގޮސްފައި ވަނީ މި ބައިގައި ވާދަކުރި ތިން ޓީމުގެ މެދުގައި ލީގު އުސޫލުން ދެ ބުރުގެ ކުޅުން ކުރިއަށް ގެންދިއުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމް ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

އެގޮތުން އިއްޔެ މެޗުން ބަލިވި ނަމަވެސް ދެ ބުރު ކުޅެ ނިމުނުއިރު އެއްމެ ގިނަ ޕޮއިންޓާއެކު އެއްވަނަ މަގާމުގައި އޮތީ ވެމްކޯއެވެ. ތިން ޕޮއިންޓާއެކު ދެ ވަނަ މަގާމްގައި މާފަންނު ޓީމް އޮތްއިރު، ދެ ޕޮއިންޓާއެކު ފުލުގައި އޮތީ ޕޮލިސް ކުލަބެވެ.

މިމުބާރާތުގެ ފައިނަލްގައި ވާދަކުރާނީ ވެމްކޯއާއި މާފަންނު ޔޫތް ޓީމެވެ.

ކިޔުންތެރިންގެ ހިޔާލު