ޖަރުމަނުގެ ލެއިޕްޒިގް ބަލިކޮށް ފުރަތަމަ ފަހަރަށް ފުރާންސްގެ ޕީއެސްޖީ ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރު ކޮށްފިއެވެ.

މިރޭ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ލެއިޕްޒިގާއި ބައްދަލު ކުރި މެޗު ޕީއެސްޖީ އިން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާ އަކުންނެވެ.

ދެ ޓިމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް މި މެޗުން ފެނިގެން ދިޔައިރު މެޗުގެ 13 ވަނަ މިނެޓް ގައި ޕީއެސްޖީ އިން ވަނީ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައެވެ. ޑިމާރިއާގެ އެހީތެރި ކަމާއި އެކު މާކީނިއޮސް މި ލަނޑު ކާމިޔާބު ކުރި އިރު ފުރަތަމަ ހާފް ނިމެން ވަނިކޮށް ޕީއެސްޖީން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ.

ނޭމާގެ މޮޅު ކުޅުމާއެކު އޭނާ ހޯދައިދިން ފުރުސަތެއްގައި ޑިމާރިއާ މެޗުގެ ދެވަނަ ލަނޑު ކާމިޔާބު ކުރިއިރު ފުރަތަމަ ހާފް ނިިމިގެން ދިޔައީ 2-0 ގެ ނަތީޖާ އަކުންނެވެ.

ފުރަތަމަ ހާފްގައި ޕީއެސްޖީއިން މޮޅު ކުޅުމެއް ދެއްކި އިރު އެ ޓީމު ވަނީ ލެއިޕްޒިގްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް އުފައްދައި ދެފަހަރު ދަނޑީގައިވެސް ޖަހާފައެވެ. ދެވަނަ ހާފް އަށް ނިކުމެ މެޗުގެ 56 ވަނަ މިނަޓް ގައި ޕީއެސްޖީން ވަނީ މެޗުގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޑިމާރިއާ ހޯދައިދިން ފުރުސަތެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖުއާން ބެނަޓް އެވެ.

މިރޭގެ މޮޅާއި އެކު ޕީއެސްޖީ ވެގެން ގޮސްފައި ވަނީ 2004 ގައި މޮނާކޯގެ ފަހުން ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކުރި ފުރަތަމަ ފުރާންސް ޓީމަށެވެ.

މި މެޗުން މޮޅުވެ ޕީއެސްޖީ އެ ޓީމުގެ ފުރަތަމަ ޗެމްޕިއަންސް ލީގު ފައިނަލުގައި ނިކުންނަން ޖެހޭނީ މާދަމާ ރޭ ބާޔާން އާއި ލިއޮން ބައްދަލު ކޮށްގެން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.