ގައުމީ ފުޓްބޯޅަ ޓީމާއި މާޒިޔާގެ ވަރުގަދަ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) އަލަތު ކައިވެންޏެއްކޮށްފިއެވެ.

އުމުރުން 24 އަހަރުގެ އިއްބެ ކައިވެނިކޮށްފައި ވަނީ ގައުމީ އަންހެން ވޮލީބޯޅަ ޓީމުގައި ހިމެނޭ ހައްވާ ސަހާއާއެވެ. މާލޭގައި މިދިޔަ ބުދަ ދުވަހު ބޭއްވި ކައިވެނީގެ ހަފްލާގައި އިއްބެގެ އާއިލާގެ މެމްބަރުންނާޢި ސަހާގެ އާއިލާގެ މެމްބަރުން ބައިވެރިވިއެވެ.

ހދ. ނޮޅިވަރަންފަރަށް އުފަން އިއްބެއަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރެވެ.

އިއްބެ ނިއުރޭޑިއަންޓުން ތައާރަފްވެގެން އައި ނަމަވެސް، އޭނާ ވިދާލީ ޓީސީގައެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން ޓީސީއަށް ކުޅެމުންއައި އިއްބެ އަކީ މިދިޔަ ދެތިން އަހަރެއްގައި ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ ބޮޑަށް ކުރިއެރި އެއް ކުޅުންތެރިޔާއެވެ.

ރާއްޖެއިން 10 އަހަރަށްފަހު ސާފް ޗެމްޕިއަންޝިޕްގެ ތަށި މިދިޔަ އަހަރު އުފުލާލި އިރު، އެޓީމުގެ އެންމެ މުހިއްމު ރޯލެއްވެސް އަދާކުރި އިއްބެއެވެ. އޭނާ ވަނީ ސެމީ ފައިނަލް މެޗުގައި ނޭޕާލް ކޮޅަށް މުހިއްމު ދެ ގޯލްވެސް ޖަހާފައެވެ.

ޓީސީގައި ހޭދަކުރި ހަތަރު ސީޒަނުގައި އިއްބެ ވަނީ ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕާއި 2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. ޓީސީގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު މާޒިޔާ އަށް ބަދަލުވެ، އިއްބެ ދަނީ މޮޅު ހުނަރުތަކެއް ދައްކަމުންނެވެ. މާޒިޔާ އަށް ބަދަލުވެ ފުރަތަމަ ސީޒަނުގައި ވެސް އިއްބެ ވަހީދު ވަނީ ލީގު އައްޑަނަ އުފުލާލައިފައެވެ.

ގައުމީ ޓީމަށް 2017 ވަނަ އަހަރު ކުޅެން ފެށި އިއްބެ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ބަރާބަރަށް ފުރުސަތު ހޯދިއެވެ. ނަމަވެސް އަނިޔާގެ ސަބަބުން މިދިޔަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ބައެއް މެޗުތަކުގައި އިއްބެ ވަހީދު ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލައިޓް

    އަލްހަމްދުﷲ

    73
    5
  2. މަރްޙަބާ!

    ތިކައިވެނީގައި ﷲގެ ޙަޞްރަތުން ބަރަކާތް ލައްވަވައި، ދެކުދިންނަށް ފާގަތި އުފާވެރި ޙަޔާތެއް މިންވަރު ކުރައްވަވާށި! އާމީން

    93
    3
  3. ރަމްލާ

    މީތަ އެބުނާ ރާއްޖޭގެ މެސީއަކީ

    5
    10
  4. ސުޕުން ލަންކާ

    ރަމްލާ އާރ ޔޫ ކުރޭޒީ ، މެސީ އިޒް ސަންމް އަދަރ ޕުލޭޔާ

    13
    3
  5. އުނގުޅޭ

    ހެޑްލައިން ގައި ސަހާ ގެ ނަން ވެސް ފާހަގަކޮށްލި ނަމަ ސަޅިވީސް.. އޭނަ ވެސް އެއީ ގައުމީ ޓީމު ކުޅުންތެރި އެއް..