ފްރާންސްގެ ޕީއެސްޖީގެ ކޯޗަކަށް ތޯމަސް ޓުޗެލް ހަމަޖައްސައިފިއެވެ.

ޕީއެސްޖީގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި އުނާއި އެމްރީ މި ސީޒަނަށްފަހު އެ ކްލަބު ދޫކޮށްލުމާ ގުޅިގެންނެވެ.

ކުރިން ބްރޫޝިއާ ޑޯޓްމަންޑަށް ކޯޗުކޮށްދިން ޓުޗެލް ޕީއެސްޖީއާ ހަވާލުވީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. މިދިޔަ އަހަރުގެ މޭ މަހު ޑޯޓްމަންޑުގެ ކޯޗުކަމުގެ މަގާމުން ވަކިވިފަހުން މިހާތަނަށް ޓުޗެލް ހުރީ ކޯޗިންގެ ދާއިރާއާ ދުރުގައެވެ.

ޓުޗެލް ބުނީ ޕީއެސްޖީ ކަހަލަ މޮޅު ޓީމަކަށް ކޯޗުކަން ކޮށްދިނުމަކީ އޭނާ އަށް ލިބޭ ފަހުރެއް ކަމަށާއި ޕީއެސްޖީގެ ކުޅުންތެރިންނާއެކު މަސައްކަތް ކުރަން ކެތްމަދުވެފައިވާ ކަމަށެވެ.

"ޕީއެސްޖީގައި ތިބީ ހުސް މޮޅެތި ކުޅުންތެރިން. އޭގެތެރޭގައި ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން ވެސް އެބަ ހިމެނޭ. އަހަރެންނާއި އަހަރެންގެ ސްޓާފުން މި ކްލަބު ކުރިއަށް ގެންދެވެން އޮތް އެންމެ ދުރަކަށް ގެންދަން މަސައްކަތް ކުރާނަން" ޓުޗެލް ބުންޏެވެ.

ޑޯޓްމަންޑުގައި ދެ އަހަރު ޓުޗެލް ހޭދަކުރިއިރު އޭނާ ވަނީ އެ ކްލަބާއެކު ޖަރުމަނު ކަޕް ކާމިޔާބުކޮށްފައެވެ.

ޕީއެސްޖީގެ ކޯޗުކަމުން އެމްރީ ދުރަށް ގޮސްފައިވާއިރު އޭނާގެ އިރުޝާދުގެ ދަށުން ކުޅެ އެ ކްލަބުން ވަނީ މި ސީޒަނުގެ ފްރެންޗް ލީގާއި ފްރެންޗް ކަޕްގެ އިތުރުން ފްރެންޗް ލީގު ކަޕް ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު