އިޓަލީގެ ގައުމީ ޓީމުގެ ކޯޗަކަށް ރޮބާޓޯ މަންޗީނީ ހަމަޖައްސައިފިއެވެ.

އިޓަލީގެ ކޯޗުކަމުގެ މަގާމު ހުސްވީ ވޯލްޑް ކަޕަށް ކޮލިފައިނުވުމުން އެޓީމުގެ ކޯޗަކަށް ހުރި ޖިއަން ޕިއޭރޯ ވެންޗޫރާ މަގާމުން ވަކި ކުރުމާ ގުޅިގެންނެވެ. އެޓީމުގެ ކޯޗުކަމުގެ މަގާމު ވަގުތީ ގޮތުން މިހާތަނަށް އަދާކުރަމުން އައީ އިޓަލީގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗު ލުއިޖީ ޑި ބިއާޖިއޯއާއެވެ.

އިޓަލީގެ ކޯޗުކަމާ މަންޗީނީ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިއީ ގައުމީ ޓީމަކަށް މަންޗީނީ ކޯޗުކޮށްދޭ ފުރަތަމަ ފަހަރެވެ.

އުމުރުން 53 އަހަރުގެ މަންޗީނީ މީގެކުރިން ވަނީ މެންޗެސްޓަރ ސިޓީ އާއި އިންޓަމިލާން އަދި ތުރުކީގެ ގަލަތަސަރާއީ އަށް ކޯޗުކަން ކޮށްދީފައެވެ. އޭނާ އެންމެފަހުން ކޯޗުކަން ކޮށްދީފައިވަނީ ރަޝިއާގެ ޒެނިތް ސެއިންޓް ޕީޓަސްބާގް އަށެވެ.

ސިޓީ އަށް ކޯޗުކޮށްދިން އިރު މަންޗީނީ ވަނީ އެ ކްލަބަށް ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފައެވެ.

މަންޗީނީގެ އިރުޝާދުގެ ދަށުން އިޓަލީގެ ގައުމީ ޓީމުން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 28 ވަނަ ދުވަހު ނިކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ.

އަންނަ މަހު ރަޝިއާގައި ފަށާ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައި ނުވިއިރު މިއީ 1958 ވަނަ އަހަރަށްފަހު ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.