ކުރިޔަށް އޮތް ޖޫން މަހުގެ 14 ގައި ފެށޭ ރަޝިޔާގައި ކުރިޔަށްދާ ވޯލްޑް ކަޕުގައި އިޖިޕްޓުގެ ކީޕަރު އެސަމް އަލް ހަދާރީ ވާނީ ވޯލްޑް ކަޕު މެޗެއްގައި ކުޅޭ އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާ އަށެވެ.

އުމުރުން 45 އަހަރުގެ ހަދާރި މިރެކޯޑު ހަދާއިރު މީގެ ކުރިން މިރެކޯޑު އޮންނަނީ ފާއިތުވި 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕުގައި ކޮލަމްބިއާގެ ކީޕަރު ފަރީދު މޮންދްރެގަންއެވެ. އޭރު ފަރީދުގެ އުމުރަކީ 43 އަހަރެވެ.

1990 ގެފަހުން މިއީ އިޖިޕްޓު ވޯލްޑް ކަޕައް ކޮލިފައި ވެފައިވާ ފުރަތަމަ ފަހަރެވެ. އިޖިޕްޓު ކުޅޭނީ ގުރޫޕް އޭގައި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިޔާ އާއި ސައުދީ އަރަބިއާ އަދި އުރުގުއޭ އާއި އެކީގައެވެ.

ގިނަ މީހުން ހީކޮށްފައި ވާގޮތައް ލިވަޕޫލްގެ ފޯވާޑު މުހައްމަދު ސަލާހު ވެސް ވަނީ އިޖިޕްޓު ޓީމުގައި ޖަހާފައެވެ. އޭނާ ވަނީ ޕްރިމިއާ ލީގުގައި އެންމެ ގިނަ ގޯލުޖަހައި ރަން ބޫޓުވެސް ހޯދާފައެވެ.

އާސެނަލްގެ މެދުތެރެއަށް ކުޅޭ މުހައްމަދު އެލްނެނީ އަނިޔާ އާއި އެކު ކުޅުމާއި ދުރުގައި ހުރި ނަމަވެސް ކުވެއިތު، ކޮލަމްބިއާ އަދި ބެލްޖިއަމް އާއި ދެކޮޅަށް ކުޅޭ އެކުވެރި ކަމުގެ މެޗުގެ ކުރިން ނަގާފައިވާ ޓީމުގައި އޭނާ ވަނީ ހިމަނާފައެވެ. ސަލާހު އާއި އެލްނެނީ އާއި އިތުރުން އިނގިރޭސި ލީގުގައި ކުޅޭ ފަސް ކުޅުންތެރިން ވަނީ ޓީމުގައި ހިމަނާފައެވެ.

ވޯލްޑް ކަޕުގެ ކުރިން ވާމް އަޕު މެޗުތައް ކުޅޭއިރު ފުރަތަމަ މެޗު އިޖިޕްޓުން ކުޅޭނީ މެއި 25 ވަނަ ދުވަހު ކުވެތާއި އެވެ. އެއަށްފަހު އިޓަލީގެ ބާގަމޯގައި ކޮލަމްބިއާ އެކު ކުޅޭ އިރު ފަހު ވާމް އަޕު މެޗު ކުޅޭނީ ބްރުސެލްސް ގައި ބެލްޖިއަމް އާއި ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު