ފުޓްބޯޅަ އެސޯޝިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) މިހާރު ހިންގަމުންދާ އިމާރާތް ތަޅާލައި 20 ބުރިއަށް ހަދާ އާ އިމާރާތުގެ މަސައްކަތްތަށް ކުރުމަށް އެ އިމާރާތް ހުސްކޮށް އެފްއޭއެމްގެ ހިންގުން އެހެން އިމާރާތަކަށް ބަދަލުކޮށްފިއެވެ.

މިއަހަރުގެ މާޗް މަހު އެފްއޭއެމްގެ އިމާރާތް ވިހި ބުރިއަށް ނަގައި އަދި އިތުރު ބިޔަ ދެ ޕްރްޖެކްޓް ނިންމުމަށް ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ސްކައިވިންޑް ގްލޯބަލްއާ އެކު ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ހިއްކި ބިން ސަރަހައްދު (ޓާރފް ދަނޑު ފަހަތުގައި އޮންނަ ވެލި ދަނޑު) ގައި ހަތަރު ބުރީގެ ފުޓްސެލް ދަނޑަކާއި، ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި 20 އާޓިފިޝަލް ވިނަ ދަނޑު އެޅުމުގެ އިތުރުން އެފްއޭއެމް ހައުސް 20 ބުރިއަށް އިމާރާތް ކުރުން ހިމެނެއެވެ.

އެފްއޭއެމް އިން އިއްޔެ ހާމަކުރި ގޮތުގައި އެ އެސޯޝިއޭޝަންގެ ހިންގުން ވަނީ މިހާރު ކުއްޔަށް ހިފާފައިވާ ޗާންދަނީ މަގު ސޮނީ ސްޕޯޓްސް ކުރިމަތީގައި ހުންނަ އިމާރާތަށް ބަދަލްކޮށްފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އެފްއޭއެމްގެ އައްޑޫ އޮފީސް، ދަތުރު ކުރެވުނުހާ އަވަހަށް ހުޅުއްވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ވިލިމާލޭގައި ގާއިމު ކުރާ ޓާފް ދަނޑާއި އެކޮމެޑޭޝަންގެ މަސައްކަތްވެސް ޑިސެމްބަރު މަސް ތެރޭގައި ނިމޭނެ ކަމަށް ބައްސާމް ވަނީ ވިދާޅުވެފައެވެ.

އެފްއޭއެމް އިން މިހާރު ހެދުމަށް ހަމަޖެހިފައިވާ 20 ބުރީގެ އިމާރަތާއި ހިއްކި ބިމުގައި އަޅާ 17،000 އަކަފޫޓުގެ ހަތަރު ބުރީގެ އިމާރާތުން އަހަރަކު 90 މިލިޔަން ރުފިޔާއަށް ވުރެން ގިނަ ފައިސާ އެފްއޭއެމް އަށް ލިބޭނޭ ކަމަށް ވަނީ ލަފާކޮށްފައެވެ.

އަލަށް ހަދާ މި އިމާރާތް ދެ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކޮށްފައިވާ އިރު، އެ އިމާރާތުގައި އެންމެ ޒަމާނީ ފެންވަރުގެ ޖިމްގެ ޚިދުމަތާއި މެޑިކަލް ވަސީލަތުގެ އިތުރުން ގައުމީ ޓީމުތައް ކޭމްޕް ކުރެވޭނެ ރަނގަޅު ފެންވަރުގެ ވަސީލަތްތައް ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށް ބައްސާމް ވަނީ ވިދާޅުވެފައެވެ.