އަންނަ މަހު ރަޝިއާގައި ފަށާ ވޯލްޑް ކަޕަށް ނެގި ޖަރުމަނުގެ ޕްރިލިމިނަރީ ސްކޮޑުން ބްރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ މިޑްފީލްޑަރު މާރިއޯ ގޮޓްޒާ ބާކީކޮށްފިއެވެ.

ޖަރުމަނުގެ ކޯޗު ޔަކީމް ލޯވް އިއްޔެ އިއުލާންކުރި 27 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުގައި ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމަނާފައިވެއެވެ.

ނަން މަޝްހޫރު ކުޅުންތެރިންގެ ތެރެއިން ސްކޮޑުން މިފަހަރު ޖާގަ ނުލިބުނު އެއް ކުޅުންތެރިއަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ޖަރުމަނަށް ކާމިޔާބުކޮށްދިން ގޯލު ޖަހައިދިން ގޮޓްޒާއެވެ.

ސްކޮޑުން ގޮޓްޒާ ބާކީކުރިއިރު އަނިޔާގެ ގިނަ މައްސަލަތަކެއް އޭނާ އަށް މި ސީޒަނުގައި ވެސް ވަނީ ކުރިމަތިވެފައެވެ. ގޮޓްޒާގެ އިތުރުން ބަޔާން މިއުނިކަށް ކުޅެމުން އަންނަ އިތުބާރު ފޯވާޑް ސަންޑްރޯ ވެގްނާ އާއި އާސެނަލް އަށް ކުޅެމުން އަންނަ ޑިފެންޑަރު މުސްތާފީގެ އިތުރުން ލިވަޕޫލް އަށް ކުޅެމުން އަންނަ އެމްރޭ ޗާން އަށް ވެސް ޖަރުމަނުގެ ސްކޮޑުން ޖާގަ ދީފައެއް ނުވެއެވެ.

ނަމަވެސް އަނިޔާގެ ސަބަބުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ނުލިބުނު މާކޯ ރޮއިސް ވަނީ ޖަރުމަނުގެ ސްކޮޑުގައި މިފަހަރު ހިމަނާފައެވެ. މީގެއިތުރުން އަނިޔާ އިން ރަނގަޅުވަމުން އަންނަ ގޯލްކީޕަރު މެނުއަލް ނޯޔާ ވެސް ވަނީ ސްކޮޑުގައި ހިމަނާފައެވެ.

ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަޔާން މިއުނިކަށް ކުޅެމުން އަންނަ ނޯޔާ ކުޅުމާއި ދުރަށްދާން ޖެހުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ނަމަވެސް އަނިޔާ އިން ރަނގަޅުވެ ނޯޔާ މިހާރު އަންނަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

27 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް އިއްޔެ ޖަރުމަނުން އިއުލާންކުރި ނަމަވެސް ވޯލްޑް ކަޕްގެ ކުރިން މި ސްކޮޑުން ހަތަރު ކުޅުންތެރިއަކު އަދި ބާކީ ކުރާނެއެވެ.

ވޯލްޑް ކަޕްގައި ޖަރުމަނު މިފަހަރު ލައްވާލާފައިވަނީ ގްރޫޕް އެފްގައެވެ. ޖަރުމަނުގެ އިތުރުން ދެން މި ގްރޫޕްގައި ހިމެނެނީ މެކްސިކޯ އާއި ސްވިޑެންގެ އިތުރުން ދެކުނު ކޮރެޔާއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 17 ވަނަ ދުވަހު ޖަރުމަނު ނިކުންނާނީ މެކްސިކޯއާ ދެކޮޅަށެވެ.

ވޯލްޑް ކަޕަށް ނެގި ޖަރުމަނުގެ 27 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑު:

ގޯލްކީޕަރުން: މެނުއަލް ނޯޔާ (ބަޔާން މިއުނިކް)، ބާންޑް ލެނޯ (ބަޔާ ލެވަކޫސަން)، މާކް އަންދްރޭ ޓާ ސްޓޭގަން (ބާސެލޯނާ)، ކެވިން ޓްރަޕް (ޕީއެސްޖީ)

ޑިފެންޑަރުން: މެޓްސް ހުމެލްސް (ބަޔާން މިއުނިކް)، ޖެރޯމް ބޯޓެންގް (ބަޔާން މިއުނިކް)، މަތިއަސް ގިންޓާ (ބޮރޫޝިއާ މޮންގްލަޑްބެކް)، ޖޯނަސް ހެކްޓާ (ކޮލޯން)، ޔޯޝުއާ ކިމިޗް (ބަޔާން މިއުނިކް)، މާވިން ޕްލަޓަންހާޑް (ހާތަ ބާލިން)، އެންޓޯނިއޯ ރުޑިގާ (ޗެލްސީ)، ނިކްލަސް ސޫލޭ (ބަޔާން މިއުނިކް)، ޖޮނަތަން ޓާ (ބަޔާ ލެވަކޫސަން)

މިޑްފީލްޑަރުން: ޖޫލިއަން ބްރަންޑްޓް (ބަޔާ ލެވަކޫސަން)، ޖޫލިއަން ޑްރެކްސްލާ (ޕީއެސްޖީ)، ލިއޯން ގޮރެޓްޒްކާ (ޝާލްކޭ)، ގުންޑޮގާން (މެންޗެސްޓަރ ސިޓީ)، ސަމީ ކެދީރާ (ޔުވެންޓަސް)، ޓޯނީ ކްރޫސް (ރެއާލް މެޑްރިޑް)، މެސުޓް އޮޒިލް (އާސެނަލް)، ލީރޯއި ސާނޭ (މެންޗެސްޓަރ ސިޓީ)، ސެބަސްޓިއަން ރުޑީ (ބަޔާން މިއުނިކް)

ފޯވާޑުން: ތޯމަސް މުލާ (ބަޔާން މިއުނިކް)، ޓިމޯ ވާނާ (ރެޑްބުލް ލީޕްޒިގް)، މާރިއޯ ގޮމޭޒް (ސްޓުޓްގާޓް)، ނިލްސް ޕެޓަސަން (ފްރެއިބާގް)، މާކޯ ރޮއިސް (ބްރޫޝިއާ ޑޯޓްމަންޑް)