ވިލީ ފުލުސް ކައިރީގައި ހުންނަ ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ގަލޮޅު އެކްޓިވިޓީ ސެންޓަރ މަރާމާތަށް ބަންދުކުރުމަށްފަހު ރޭ ހުޅުވައި ޒުވާނުންނަށް ޚިދުމަތްދޭން ފަށައިފިއެވެ.

ޔޫތު އެކްޓިވިޓީ ސެންޓަރ ރޭ ހުޅުވައިދެއްވީ ޔޫތް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޢަލީ ޒަކީއެވެ. އަލީ ޒަކީގެ އިތުރުން ޒުވާނުންގެ މަރުކަޒުތަކާއި މިހާރު ހަވާލުވެ ހުންނެވި އެގްޒެކެޓިވް ކޯރޑިނޭޓަރ މުޙައްމަދު ޝިނާން (ނާނި) އާއި މިނިސްޓްރީގެ އިސްވެރިންނާއި، އަދި ޒުވާނުން ވަނީ މި ކުޑަ ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.

އެ ތަން ހުޅުއްވައިދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ނާނި ވިދާޅުވިީ ޒުވާނުންގެ މަރުކަޒުތަކަށް ބޭނުންވާ ކުޅިވަރު ސާމާނާ އަދި އެހެނިހެން ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ބާރު ސްޕީޑްގައި ކުރިޔަށް ކަމަށެވެ. މީގެ އިތުރުން އަތޮޅުތަކުގެ ޒުވާނުންގެ މަރުކަޒުތަކަށް ދިމާވެފައިވައިވާ މައްސަލަތައް ހައްލުކުރުމަށް މިނިސްޓްރީގެ އިސް ބޭފުޅުން ރަށްރަށަށް ދަތުރުތައް ކުރައްވަމުން ގެންދަވާކަމަށްވެސް ނާނި ވިދާޅުވިއެވެ.

ގަލޮޅު އެކްޓިވިޓީސް ސެންޓަރު ރޭ ހުޅުވި އިރު ޔޫތު މިނިސްޓްރީގެ އިސް 2 އޮފިޝަލެއް ވަނީ މިދިޔަ ހޮނިހިރު ދުވަހު ނ. ވެލިދޫ އަށް ދަތުރުފުޅެއް ކުރައްވައި އެ ރަށު ސްޕޯޓްސް އެރީނާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައެވެ. އަދި މިދެ އޮފިޝަލުން ވަނީ ޒުވާނުންގެ މަރުކަޒުގެ ހާލަތު ދެނެގަނެ ބޭނުންވާ ހައްލުތަކާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުންތައް ބާއްވާފައެވެ.

ދާދި ފަހުން ޒުވާނުންނަށް ޚާއްސަކޮށްގެން މާފަންނު ޒުވާނުންގެ މަރުކަޒުގައި ކުރިޔަށްދިޔަ މާހެފުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސެއިން ވަހީދު ދެއްކެވި ވާހަކަފުޅުގައި ވަނީ ޒުވާނުންގެ މަރުކަޒުތަކުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިޔަށްދާކަން ފާހަގަ ކުރައްވާފައެވެ.