ބެލަރޫސްގެ ބޮޑު ކްލަބެއް ކަމަށްވާ ޑައިނަމޯ ބްރެސްޓްގެ ޗެއާމަނަކަށް އާޖެންޓީނާގެ ލެޖެންޑް ޑިއެގޯ މެރެޑޯނާ ހަމަޖައްސައިފިއެވެ.

އުމުރުން 57 އަހަރުގެ މެރެޑޯނާ އެ ކްލަބުގެ ޗެއާމަންކަމާ ހަވާލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދެވަނަ ޑިވިޝަނުން ޕްރޮމޯޓު ނުވުމުގެ ސަބަބުން މެރެޑޯނާ ވަނީ މިދިޔަ މަހުގެ ތެރޭގައި އަލް ފުޖައިރާގައި އޭނާގެ މަގާމު ދޫކޮށްލާފައެވެ. އެއީ ވޯލްޑް ކަޕު ތަށި ނަގާފައިވާ މެރެޑޯނާ އަރަބް އެމިރޭޓްސް ގައި މެނޭޖަރުކަން ކުރި ދެވަނަ ޓީމެވެ. އަލް ފުޖައިރާގެ ކުރިން އަހަރެއް ވަންދެން މެރެޑޯނާ ވަނީ އަލް ވަސީ ވެސް ކޯޗުކޮށްދީފައެވެ.

ބާސެލޯނާ އަދި ނަޕޯލީގެ ކުރިޔަށް ވެސް ކުޅުނު މެރެޑޯނާ ވަނީ އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗުކަން 2008 އިން 2010 އަށް ކޮށްފައެވެ.

ޑައިނަމޯ އިން ބުނާގޮތުގައި މެރެޑޯނާ އެކުލަބުން ދެކެނީ ކްލަބު ކުރިޔަށް ދިޔުމަށް އިތުރު އެހީ އެއްގެ ގޮތުގައި ކަމަށެވެ. އަދި މަރަޑޯނާއާއެކު ޑައިނަމޯ އަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށްވެސް އެ ކްލަބުން ވަނީ ބުނެފައެވެ.