ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލުގައި ލ. ގަން އެފްސީ ބަލިކޮށް، އެފްސީ ދާއެޅުން ޗެމްޕިއަންކަން ހޯދައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދިޔަ އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލުގައި ގަން އެފްސީގެ މައްޗަށް އެފްސީ ދާއެޅުން ކުރި ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. އެ މެޗުން ދާއެޅުން މޮޅުވީ 6-7 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެހެން ނަމަވެސް ދެ ޓީމަށްވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.

މެޗުގެ ދެވަނަ ހާފުގައި އަލީ ހާފިޒު ދާއެޅުން ޓީމަށް ލީޑު ހޯދައިދިން ނަމަވެސް، ގަން އެފްސީން ވަނީ ކައިރިކައިރީގައި ދެ ލަނޑުޖަހާ އެ ޓީމް ކޮޅަށް ލީޑު އަނބުރާލާފައެވެ. އެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުނައިދެވެ. ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ދާއެޅުމަށް ނަތީޖާ ހަމަހަމަކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު)އެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ދާއެޅުމުގެ މުހައްމަދު ނާޝިދާއި މުހައްމަދު އަޔާޒާއި އިބްރާހިމް ފުރުގާން (ފުގޭ) އަދި އަލީ ހާފިޒްގެ ޕެނަލްޓީ ކާމިޔާބުކުރި އިރު، މުހައްމަދު އިމްރާން ފޮނުވާލި ޕެނަލްޓީ ލ. ގަން އެފްސީގެ ކީޕަރު އަމްރާދު ވަނީ މަތަކޮށްފައެވެ.

ލ. ގަން އެފްސީގެ ޕެނަލްޓީތައް އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު ރަޝީދާއި ޝިނާން ޝަރީފް އަދި އަހްމަދު ހަލީމެވެ. އެޓީމުގެ އަބްދުﷲ ޖުނައިދާއި އަހްމަދު އަޖުވަދު ފޮނުވާލި ޕެނަލްޓީ، ދާއެޅުމުގެ ކީޕަރު އިސްމާއިލް މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދާއެޅުމުގެ ކީޕަރު ޗެކްއެވެ.

އެ މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމެވެ.

ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ދާއެޅުމުގެ އަލީ ހާފިޒް ހޮވުނު އިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ދާއެޅުމުގެ ކޯޗު އަހްމަދު ސިނާނެވެ. ފެއާޕްލޭ ކުޅުންތެރިޔަކަށް ލ. ގަން އެފްސީގެ އަލީ ނާޝިދު ހޮވުނު އިރު، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔަކަށް ހޮވުނީ ބަޖިޔޭގެ އަބްދުﷲ ޝާފިއުއެވެ.

ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ދާއެޅުމުގެ އަލީ ހާފިޒާއި، ލ. ގަން އެފްސީގެ އަހްމަދު ހަލީމާއި، އެޓީމުގެ އަލީ ނާޝިދާއ،ި ބަޖިޔޭގެ އިބްރާހިމް މުބީން އަހްމަދު ރަޝީދު (މުއްކި) އަދި ދާއެޅުމުގެ ކީޕަރު ޗެކްއެވެ.

އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ދާއެޅުމަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިން އިރު، ރަނަރަޕްކަން ހޯދި ލ. ގަން އެފްސީއަށް ފައިސާގެ އިނާމެއްގެ ގޮތުގައި ދީފައިވަނީ 50,000 ރުފިޔާއެވެ. ފެއާޕްލޭ ޓީމަކަށް ހޮވުނު ފްލެޓް 7 އަށް ފައިސާގެ އިނާމެއްގެ ގޮތުގައި ދީފައިވަނީ 25,000 ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު