ޔޫތު ސިޓީ ފުޓްސަލް ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލުގައި ވާދަކުރި ޓީމް ފްރެންޑްސް ބަލިކޮށް، ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ޗެމްޕިއަންކަން ހޯދައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދިޔަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުގައި ޓީމް ފްރެންޑްސް އަތުން ސިފައިން މޮޅުވީ 5-0ގެ ނަތީޖާއިންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ސިފައިން ވަނީ ދެ ލަނޑު ޖަހާ ކުރި ހޯދާފައެވެ. އާމިނަތު ޒާހިޔާ ސިފައިންނަށް ލީޑު ހޯދައިދީފައި ވަނިކޮށް، އެޓީމަށް ލީޑު ފުޅާކޮށްދިނީ މަރިޔަމް ރިފާއެވެ.

މެޗުގެ ދެވަނަ ހާފުގައި ސިފައިންގެ ތިންވަނަ ލަނޑު، ރިފާ ކާމިޔާބުކޮށްދިން އިރު، ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޒާހިޔާއެވެ. މެޗު ނިމެނިކޮށް، ސިފައިންގެ ފަސްވަނަ ލަނޑާއެކު ރިފާ ވަނީ ހެޓްރިކެއް ފުރިހަމަކޮށްފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީވެސް އޭނާއެވެ.

އަންހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ވިމެންސް ފުޓްބޯލް ކްލަބުގެ ފާތިމަތު ޝާލިޔާއާއި، ސިފައިންގެ މަރިޔަމް ރިފާއާއި، ޓީމް ފްރެންޑްސްގެ ސަފިއްޔާ ރަފާއާއި، ސިފައިންގެ އާމިނަތު ޒާހިޔާ އަދި އެޓީމުގެ ކީޕަރު ޝާއިގާ ހުސައިންއެވެ.

އެ މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔަކަށް، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނު ސިފައިންގެ ރިފާ ހޮވުނު އިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ސިފައިންގެ ކޯޗު އަހްމަދު އަލީއެވެ. ފެއާޕްލޭ ކުޅުންތެރިޔަކަށް ވިމެންސް ފުޓްބޯލް ކްލަބުގެ އާމިނަތު ޝާމިލާ ހޮވުނު އިރު، އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ޓީމް ފްރެންޑްސްގެ ފިރުޝާނާ ނަސީރެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ ރިފާއެވެ.

އެ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ސިފައިންނަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިން އިރު، ރަނަރަޕްކަން ހޯދި ޓީމް ފްރެންޑްސްއަށް ފައިސާގެ އިނާމެއްގެ ގޮތުގައި ދީފައިވަނީ 50,000 ރުފިޔާއެވެ. އަދި ފެއާޕްލޭ ޓީމަކަށް ހޮވުނު ވިމެންސް ފުޓްބޯލް ކްލަބަށް ފައިސާގެ އިނާމެއްގެ ގޮތުގައި ދީފައިވަނީ 25,000 ރުފިޔާއެވެ.