މެސީއަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށާއި މެސީ ތަފާތު ދައްކާނެ ކަމަށް ޗެލްސީއަށް ކުޅެމުން އަންނަ ބާސެލޯނާގެ ކުރީގެ ތަރި ޕެޑްރޯ ބުނެފިއެވެ.

އަންނަ އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާއި ދެކޮޅަށް ޗެލްސީ ކުޅޭ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ސްޕެއިންގެ ތަރި ޕެޑްރޯ ބުނެފައިވަނީ މެސީއާއި ދެކޮޅަށް ކުޅުމަކީ އުނދަގޫ ކަމެއް ކަމަށާއި ހުރިހާ ގޮތަކުންވެސް އެ ދެޓީމު ބައްދަލު ކުރާ މެޗު އޭނާއަށް ހާއްސަ ކަމަށެވެ.

ބާސެލޯނާއާއި އެކު ހަތް އަހަރު ހޭދަކޮށް ބާސާއަށް 99 ގޯލު ކާމިޔާބުކޮށްދީފައިވާ ޕެޑްރޯ ބުނެފައިވާ ގޮތުގައި ބާސެލޯނާ ބަލިކުރަން ފަސޭހައެއްނުވާނެއެވެ.

"ބާސެލޯނާއަކީ ވަރުގަދަ ޓީމެއް. ހާއްސަކޮށް މެސީ މިހާރު ހުރި ފޯމުން ވަރަށް އުނދަގޫވާނެ ބާސެލޯނާ ބަލިކުރަން. މެސީ އަކީ އަބަދުވެސް ތަފާތު ދައްކާ ކުޅުންތެރިއެއް" ޕެޑްރޯ ބުންޏެވެ.

ޕެޑްރޯ އެހެން ބުނެފައިވާއިރު ނިމިދިޔަ ހަފްތާގެ ތެރޭގައި ޗެލްސީގެ އަލްވާރޯ މޮރާޓާވެސް ވަނީ މެސީ ނުހުއްޓުވޭނެ ކަމަށް ބުނެފައެވެ.